އެމެރިކާގެ 46 ވަނަ ރައީސަކަށް އިންތިޚާބުވެވަޑައިގެންނެވި ޖޯ ބައިޑަންއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަރުހަބާ ދަންނަވައިފި އެވެ.

ވާދަވެރި އިންތިޚާބަކަށްފަހު ރައީސް ޑޮނަލްޑް ޓްރަމްޕް ބަލިކުރައްވާ އިދިކޮޅު ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން އިންތިޚާބު ކާމިޔާބުކޮށްފައި ވަނީ ރައީސްކަމަށް ވަޑައިގަތުމަށް ބޭނުންވާ 270 އިލެކްޓޯރަލް ވޯޓަށް ވުރެ ގިނައިން ކާމިޔާބުކުރައްވައިގެންނެވެ.

ބައިޑެން އިންތިޚާބުވެވަޑައިގެންނެވުމާ ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވަނީ އެމެރިކާގެ 46 ރައީސަކަށް އިންތިޚާބުވެވަޑައިގެންނެވި ބައިޑަންއަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. އަދި އެމެރިކާގެ އާ ސަރުކާރާއެކު ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެކުގައި މަސައްކަތް ކުރުމަށާއި ކޮވިޑް-19ގެ މި ޙާލަތުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރުމުގެ ޝައުގުވެރިކަން އެ މަނިކުފާނު ވަނީ ފާޅުކުރައްވާފަ އެވެ.

ހަމައެހެންމެ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ބައިޑަންގެ ސަރުކާރާއެކު ރާއްޖެއިން މަސައްކަތްކުރުމަށް ތައްޔާރަށް ހުންނެވިކަން ވެސް ރައީސް ސޯލިހު ވަނީ ހާމަކުރައްވާފަ އެވެ.

ބައިޑަން އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވިއިރު، އޭނާ ވަނީ މިދިޔަ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް ޓްރަންޕު ކާމިޔާބުކުރެއްވި ބޮޑެތި ސިޓީތަކުގެ ނަތީޖާ އަނބުރާލައްވާފަ އެވެ. މީގެ ތެރޭގައި އެރިޒޯނާ، ޕެންސަލްވޭނިއާ، އަދި ޖޯޖިއާ ވެސް ހިމެނެ އެވެ.

ބައިޑެންއަށް ވައިޓް ހައުސް ކަށަވަރުވެފައި މިވަނީ ޕްނެސިލްވޭނިއާގެ އިލެކްޓޯރަލް ވޯޓު ކާމިޔާބު ކުރައްވައިގެން، 270 އިލެކްޓޯރަލް ވޯޓާއި ހަމައަށް ވާސިލްވެގެންނެވެ. އިންތިހާބު އޮތް ދުވަހުގެ ކުރީރޭ ވެސް އެ ސްޓޭޓުގައި ކުރި ހޯއްދަވާފައި އޮތީ ޓްރަމްޕެވެ. އެހެން ނަމަވެސް މެއިލް-އިން ވޯޓު ކަރުދާސްތައް ގުނަން ފެށުމާއި އެކު ޓްރަމްޕަށް އޮތް ސަޕޯޓު ދަށްވެ ބައިޑެން ވަނީ ލީޑު ނަންގަވާފަ އެވެ.

މިމަހު 78 އަހަރު ފުރޭ ބައިޑެން، ޖެނުއަރީ މަހުގެ ތެރޭގައި ރައީސް ކަމުގެ ހުވާ ކުރައްވާއިރު އޭނާ ވެގެން ދާނީ އެމެރިކާގެ ވެރިކަން ކުރާ އެންމެ ދޮށީ ބޭފުޅާ އަށެވެ.

ބައިޑެން ރައީސްކަމަށް ހޮވުނީ ފާއިތުވެ ދިޔަ ގަރުނެއްހާ ދުވަހު ވެސް ދުނިޔެ ދެކެފައިނުވާ ވަރުގެ ބޮޑު ބަލިމަޑުކަމެއް މުޅި ދުނިޔެ ތަހައްމަލު ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އަދި 1930 ވަނަ އަހަރަށް ފަހު އެމެރިކާގެ އިގްތިސާދު ވެސް އެންމެ ބޮޑަށް ދަށްވެފައި ވަނިކޮށެވެ.