ބާމިއުޑާ ޓްރައޭންގަލްއަކީ މިހާތަނަށް ދުނިޔޭގައި ހަގީގަތް ނުހޯދި އޮތް އެންމެ ބޮޑު ވާހަކައޭ ދެންނެވުމަކުން ގޯހަކަށް ނުވާނެ އެވެ. އެތައް ގިނަ ހާދިސާއެއް ހިނގާފައިވާ ކަނޑުގެ މި ސަރަހައްދުގެ ހަގީގަތް ހޯދުމަށް ސައިންސްވެރިން ވަނީ ގިނަ ދިރާސާތަކެއް ކޮށްފަ އެވެ.
އެމެރިކާގެ ހުޅަނގު އުތުރު އައްސޭރިއާ ދިމާލުން ފްލޮރިޑާއާއި ބާމިއުޑާ އަދި ޕުއޭޓޯ ރިކޯ ގުޅޭ ގޮތަށް ތިނެސްކަނަށް ފާހަގަވެފައިވާ މި ސަރަހައްދަކީ ކަނޑުގެ 440،000 މޭލު ހިމެނޭ ސަރަހައްދެކެވެ. މި ސަރަހައްދުން މިހާތަނަށް އެތައް ސަތޭކަ މަތިންދާ ބޯޓަކާއި ކަނޑު ބޯޓުތަކެއް ގެއްލިފައިވެ އެވެ.
މިއީ އެމެރިކާ، ޔޫރަޕް އަދި ކެރީބިއަންއަށް ދަތުރުކުރާ މަގުގެ މުހިއްމު ސަރަހައްދަކަށްވާއިރު އެ ސަރަހައްދުގެ ޓްރެފިކް އަބަދު ވެސް ވަރަށް ބޮޑެވެ. ކޮންމެ ދުވަހަކު ވެސް އެ މަގުގެ ކައިރިން ގިނަ ބޯޓުތަކެއް ދަތުރު ކުރެ އެވެ.
ބާމިއުޑާ ޓްރައޭންގަލްގެ އަސްލު ގޮސް ގުޅެނީ މަޝްހޫރު ސައިންސްވެރިޔާ ކްރިސްޓޮފާ ކޮލަމްބަސް ދުނިޔެ ވަށާ އެންމެ ފުރަތަމަ ކުރި ދަތުރުގަައި އެ ސަރަހައްދުގެ ކަނޑަށް އަލިފާން ގުޅައެއް ވެއްޓުނު މަންޒަރު ފެނުނު ކަމަށް އޭނާ ބުނެފައިވެ އެވެ. އެއަށްފަހު އެ ސަރަހައްދަކީ ރޫހާނީ ކަންތައްތަކެއް ހިނގާ ސަރަހައްދެއްގެ ގޮތުގައި އޮންނަނީ ބެލެވިފަ އެވެ.
ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ބާމިއުޑާ ޓަރައޭންގަލްގެ ހާދިސާތަކަކީ ދުނިޔޭގައި އޭލިއަނުން ދިރިއުޅޭ ކަމަށް ހެކިދޭ ކަމެކެވެ. އެގޮތުން މިސަރަހައްދަކީ އޭލިއަނުންގެ ބާރު ހިނގާ ސަަރަހައްދެއްގެ ގޮތުގައި އެމީހުން ބުނެ އުޅެ އެވެ.
މިކަމާ ބެހޭ ގޮތުން ހެދިފައިވާ ސައިންސްގެ ދިރާސާތަކުން ބުނާ ގޮތުގައި މި ސަރަހައްދަކީ ދުނިޔޭގެ ބިމަށް ދަމާ ބާރު ނުވަތަ މެގްނެޓިކް ފޯސް ވަރަށް ދަށްވާ ސަރަހައްދެކެވެ. ނަތީޖާއަކަށް ވަނީ ދަތުރުވެރިން މަގު ހޯޯދަން ބޭނުންކުރާ ސަމުގާ ފަދަ އާލާތްތަކުގެ ބޭނުން ނުކުރެވި މަގު އޮޅުމެވެ. އަދި އެ ސަރަހައްދުން ނުނުކުމެވި ހިތާމެވެރި ހާދިސާތަކާ ކުރިމަތިވުމެވެ.
މިކަމަކީ މުޅިން ޔަގީންވެފައިވާ ކަމެއް ނޫން ނަމަވެސް ސައިންސްވެރިން އެންމެ ބުރަވަނީ މި ސަބަބަށެވެ. އޭގެ އިތުރުން ވެސް މޫސުމަށް އަންނަ ބަދަލާއި އެ ސަރަހައްދުގެ ޓްރެފިކްއަކީ ވެސް ހިތާމަވެރި ހާދިސާތައް ކުރިމަތިވުމުގައި ސަބަބަކަށް ވެދާނެ ކަމަށް ސައިންސްވެރިން ބުނެ އެވެ.
އެހެން ކަމުން ބާމިއުޑާ ޓްރެއޭންގަލްގައި މިހާތަނަށް ހިނގި ހާދިސާތަކުގައި ރޫހާނީ ބާރެއްގެ އަސަރު ހުރުމަކީ ނާދިރު ކަމެއްގެ ގޮތުގައި ސައިންސްވެރިން ބުނެ އެވެ.