ތިލަމާލެ ބްރިޖްގެ މަޝްރޫއުގެ ދަށުން އަންނަ އަހަރުގެ މެދުތެރޭގައި މާލެ އާއި ވިލިމާލެއާ ދެމެދު ދަތުރުކުރަން ފެށޭނެ ކަމަށް ބްރިޖް މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗާ އިން ބުނެފި އެވެ.

އެފްކޯންސްއިން މިހެން ބުނެފައިވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން އިންތިޒާމްކޮށްގެން ބައެއް ދިވެހި ނޫސްވެރިންނަށް މިހާރު ކުރިއަށް ގެންދާ "މީޑީއާ ފެމިލިއަރައިޒޭޝަން" ދަތުރުގެ ތެރެއިން، އެ ކުންފުނިން ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް އަޅާ ބުރިޖްގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ތައްޔާރުކުރަން ޖެހޭ ޑީޓެއިލް ޑިޒައިނަށް ބޭނުންވާ އެންމެ މުހިންމު ސާވޭގެ ތެރޭގައި ހިމެނޭ "ޖިއޯޓެކްނިކަލް ސާވޭ" މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވަނީ ފަށައިފަ އެވެ. އަދި ބްރިޖުގެ ފައުންޑޭޝަން މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

ގްރޭޓާ މާލެ ބްރިޖު މަޝްރޫއުއާ ބެހޭގޮތުން އެފްކޮންސްއިން އިއްޔެ ދިވެހި ނޫސްވެރިންނަށް މައުލޫމާތު ދެނީ.. ފޮޓޯ: ދައުރު

އެގޮތުން ބްރިޖް މަޝްރޫއުގެ މަސައްކަތްތައް ކުރުމަށް މިވަގުތު 585 މީހުންގެ ޓީމެއް ހަރަކާތްތެރިވާއިރު ކުރިއަށް އޮތް ހަތަރު މަސްތެރޭގައި އެ އަދަދު 900 އަށް އިތުރުކުރާނެ ކަމަށް އެފްކޯންސް އިން ބުނެ އެވެ.

ބްރިޖް މަޝްރޫއުއަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ސައިޓަށް ގެންގޮސްފައިވާއިރު، ތާވަލަށް މަސައްކަތް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެފްކޯންސް އިން ބުނެ އެވެ.

އެފްކޯންސް އިން ބުނިގޮތުގައި އަންނަ އަހަރުގެ ޖުލައިގައި މާލެއާ ވިލިނގިލިއާ ދެމެދު ދަތުރުކުރަން ފެށޭނެ އެވެ. އަދި 2024ގެ ނިޔަލަށް ބްރިޖް މަޝްރޫއު އެއްކޮށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ތިލަމާލެ ބްރިޖް އެޅުމުގެ މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭ ނިންމާ ގޮތަށް އެފްކޮންސްއާއެކު ސަރުކާރުން ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް 26 ވަނަ ދުވަހު އެވެ. މިއީ މި ސަރުކާރުން ކުރިއަށްގެންދަން ނިންމާފައިވާ އެންމެ ބިޔަ މަޝްރޫ އެވެ.

ތިލަމާލެ ބްރިޖު އެޅުމުގެ މަޝްރޫއުގެ ދަށުން 6.47 ކިލޯ މީޓަރުގެ ދިގު ބްރިޖު އަދި ކޯޒްވޭއަކުން މާލެ އާއި ވިލިމާލެ އާއި ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ވަނީ ހަމަޖެހިފަ އެވެ.

ތިލަމާލެ ބްރިޖަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނަކާއި އެ ޤައުމުން ދޭ އެހީއެއް އެއްކޮށްލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫ އެވެ. މި މަޝްރޫޢުއަށް 7.7 ބިލިއަން ރުފިޔާ ވަރު ހަރަދު ކުރާނެ އެވެ.