ފާޙިޝް އެންމެހާ ނުބައި އަމަލުތައް ހިނގާ ސަރުކާރަކާއިއެކު ތިބުމަކީ ވާގިވެރިވުން ކަމަށާ އެކަމާ ދެކޮޅަށް ހުރިހާ ސިޔާސީ ވެރިން ގައުމުގެ ހައްގުގައި ތެދުވާން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވީ ދައުލަތުގައި މިހާރު ހިނގަމުންދާ މުންކަރާތްތަކުގެ ވާހަކަ ނުދެއްކިޔަސް ދައުލަތުގެ ތެރޭގައި ނަހީކުރެއްވި ކަންކަން ހިނގަމުން ދަނީ އެއްވެސް ލިމިޓެއް ނެތި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވާ ކުރެއްވި ޓުވީޓެއްގަ އެވެ.
ޖުމްހޫރީ ޕާޓީއިން ރޭ ބޭއްވި "ތައްޔާރު" ޖަލްސާގައި ވާހަކަ ދައްކަވަމުން މި ސަރުކާރު ގެނައުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ގާސިމް ވިދާޅުވީ އެ ވާހަކަ ކޮންމެހެން ދައްކަން ނުޖެހޭ ކަމަށާއި، އެކަންކަން ނުދަންނަ އެއްވެސް މީހަކު މިހާރު ނެތް ކަމަށެވެ. އަދި އެކަންކަން ރައްޔިތުންނަށް އެނގި ހާމަވަމުންދާ ކަމަށް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކޮންމެހެން ތިބޭފުޅުން ބޭނުންފުޅުވޭތޯ އެވާހަކަ ދައްކައި ވަގުތު ނަގާލުމުގެ ބޭނުމެއް އެބައޮތްތޯ؟ އެކަން ކަން ނުދަންނަ އެއްވެސް މީހަކު އެބަހުރިތޯ. އިސްލާމް ދީނުގެ އުސޫލުތަކާއި ކަންތައްތަކާއި، ހިނގާ ކަންތައްތަކާއި އަދި އޭގެ އިތުރަށް މިހާރު ބޮޑެތި ސިންގާ ވެގެންވާ ކަންތައްތައް ނަހީކުރެއްވި ބޮޑެތި ބޮޑެތިވާ ކަންތައްތައް ހިނގަމުން އެދަނީ އެއް ވެސް ލިމިޓެއް ނެތް ގޮތުގައި. ދެން އަޅުގަނޑުމެން ދައްކާކަށް ވާހަކައެއް ނެތެއް ނޫންތޯ. ސޯޝަލް މީޑިއާއާއިން މިކަންކަން ނޭނގޭ އެއްވެސް މީހަކު އެބަހުރިތޯ؟" މާމިލިގި ދާއިރާގެ މެންބަރު ގާސިމް ވިދާޅުވި އެވެ.
ގާސިމްގެ އެ ވާހަކަތަކަށް އިޝާރާތް ކުރައްވާ ޖަމީލް ވިދާޅުވީ މިއީ ގައުމީ ފިކުރުގެ ހުރިހާ ސިޔާސީ ވެރިން އަތާއަތް ގުޅާލަން ޖެހޭ ވަގުތު ކަމަށެވެ. އަދި ކިތަންމެ ބޮޑު ހިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް ގައުމުގެ ހައްގުގައި ހައްގުގައި ތެދުވަން ޖެހޭ ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.
ރާއްޖޭގައި ސިޔާސީ ގޮތުން ނުފޫޒު ވެސް ގަދަ ބަޔަކު ހިމެނޭ ގޮތަށް އެއްޖިންސުން ގުޅުން ހިންގުމާއި ގްރޫޕް ހަދައިގެން ޖިންސީ ގުޅުން ހިންގުން ފަދަ މަންޒަރުތައް ފެންނަ ވީޑިއޯތަކާއި ފޮޓޯތައް ދަނީ ސިލްސިލާކޮށް ސޯޝަލް މީޑިއާގައި އާންމުވަމުންނެވެ. އަދި މިފަދަ މައްސަލަތައް ފުލުހުން ތަހުގީގުކުރާ ކަމަށް ބުންޏަސް، މިފަދަ ކަންކަމާ ދެކޮޅަށް އެކަށީގެންވާ އެއްވެސް ފިޔަވަޅެއް އަޅާ ތަނެއް ނުފެނެ އެވެ.