މާ ބޮޑަށް ކަންކަމާ ހާސްވެ، ފިކުރު ބޮޑުވާ ނަމަ މާ އަވަހަށް މުސްކުޅިވެ ބޮލުގައި ނުރަ ޖަހާވަރު އިތުރުވާނެ ކަމަށް މީހުން ބުނެ އުޅެ އެވެ. މިއީ ހަގީގަތެއްކަން ސައިންސްވެރިން މިހާރު މިވަނީ ހޯދައިފަ އެވެ.
ސައިންސްވެރިންތަކެއް މިހާރު ތިލަކޮށްފައި ވަނީ އެ ގޮތަށް ދިމާވާން ޖެހޭ ކަމަށް ބެލެވޭ އަސްލު ސަބަބެވެ. އެމެރިކާގެ ހާވަޑް ޔުނިވަސިޓީ އާއި ބްރެޒިލްގެ ސައޮ ޕޯލޯގެ ސައިންސްވެރިން ނޭޗާ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައިވާ ގޮތުން ހާސްކަމާއި ފިކުރުތައް ބޮޑުވުމުން ބޮލުގެ އިސްތަށިގަނޑު ނުރަވާން މަގުފަހިވާ މުހިއްމު ސަބަބަކީ ބޮލުގެ ހަންގަނޑާއި އިސްތަށީގެ ކުލަ ކޮންޓްރޯލްކުރާ މެލޮނަސައިޓް ސްޓެމް ސެލް ހަލާކުވުމެވެ. އަދި އެކަމަށް މަގުފަހިކޮށްދެނީ ސްޓްރެސްގެ ސަބަބުން ހަށިގަނޑުގައި އުފައްދާ ސައިލިން-ޑިޕެންޑެންޓް ކިނޭޒް (ސީޑީކޭ) ނަމަކަށް ކިޔާ ޕްރޮޓީނަކުންނެވެ
ދިރާސާކުރި ޓީމުން ބުނާ ގޮތުގައި މިއީ ނުރަވުމާއި މުސްކުޅިވުން ހުއްޓުވައިދޭނެ ބޭހެއް އުފައްދަން ވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އެކަމަކު އަދިވެސް މިކަމާ ގުޅޭ ގޮތުން އިތުރަށް ހޯދުންތަކެއް ހޯދަން ޖެހޭ ކަމަށް އެޓީމުން ފާހަގަކޮށްފައިވެ އެވެ.
އިސްތަށިގަނޑު ނުރަވާން ދިމާވާ އަސްލު ސަބަބު ދެނެގަނެވިފައި މި ވަނީ މީދާތަކެއް ބޭނުންކޮށްގެން ހެދި ދިރާސާއަކުންނެވެ. އެއިން ފާހަގަކުރެވުނު ގޮތުގައި ނަފުސާނީ ގޮތުން ކުރާ އަސަރުތަކުގެ ސަބަބުން ސްޓެމް ސެލް އަށް އަސަރުކޮށްފައިވާ މީދާތަކުގެ ކެހެރި އަށް ބަދަލު އައިސްފައިވެ އެވެ.
އެގޮތުން ހަތަރު ހަފުތާއަކަށް މިކަން މޮނިޓަކޮށްގެން ބެލި ބެލުމުން "އިންޓެންސް ސްޓްރެސް" ކުރިމަތިވެފައިވާ ކަޅު ކެހެރި މީދާތަކުގެ ހަށިގަނޑުގެ ވަރަށް ބޮޑު ބައެއްގެ ކުލަ ހުދަށް ބަދަލުވެފައިވެ އެވެ. މިކަމަށް މަގުފަހިވުމުގައި ސްޓްރެސްގެ ސަބަބުން ކުރިމަތިވި ހިތުގެ ވިންދު އަވަސްވުމާއި ލޭގެ ޕްރެޝަރު އިތުރުވުމާ އެކު ހަށިގަނޑުގެ ނާރުތަކަށް އަސަރުކުރުން ފަދަ ކަންކަން ހިމެނެ އެވެ.
"މިހާތަނަށް ކަށަވަރު ކުރެވޭ ކަމަކީ މެލޮނަސައިޓް ސްޓެމް ސެލް އާއި އިސްތަށިގަނޑު ނުރަވާން ދިމާވުމާ ގުޅުން ހުރިކަން. އަދި މިކަން މެދުވެރިވާ މައިގަނޑު އެއް ސަބަބަކީ ސްޓްރެސް،" ދިރާސާ ޓީމުގައި ހިމެނޭ ހާވަޑް ޔުނިވަސިޓީގެ ޕްރޮފެސަރު ޔާ-ސިއޫ ސޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދިރާސާއިން ފާހަގަ ކުރެވުނު މުހިއްމު އަނެއް ކަމަކީ އިންސާނާގެ ހަށިގަނޑަށް ހާސްކަމާއި ފިކުރުތަކުން ކުރާ ނޭދެވޭ އަސަރު ތަަސައްވަރުކޮށްލަން މިހާރު ފަސޭހަވުމެވެ.