ދޯހާ (6 ޑިސެމްބަރު) – ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގެ ބުރުގައި މިރޭ ޕެނަލްޓީ ޖަހައިގެން 3-0 އިން ސްޕެއިން ބަލިކޮށް މޮރޮކޯ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރު ވެސް ދެ ޓީމު އޮތީ ލަނޑެއް ނުޖެހި އެއްވަރުވެފައެވެ. މެޗުގެ ފުރިހަމަ 90 މިނިޓާއި އިތުރު ވަގުތުގައި ވެސް ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ސްޕެއިން އިން ޖެހި ތިން ޕެނަލްޓީ ވެސް ކާމިޔާބެއް ނުވިއެވެ. ޕަބްލޯ ސަރާބިއާ ޖެހި ޕެނަލްޓީ ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، ސާޖިއޯ ބުސްކެޓްސް އާއި ކާލޮސް ސޮލާ ޖެހި ދެ ޕެނަލްޓީ މޮރޮކޯގެ ގޯލްކީޕަރު ބޮނޯ ވަނީ ދިފާއުކޮށްފަ އެވެ.
މޮރޮކޯގެ ބަދުރު ބެނޫން ޖެހި ޕެނަލްޓީ ސްޕެއިންގެ ގޯލްކީޕަރު އުނައި ސިމޮން ދިފާއުކުރިއެވެ. އެކަމަކު އެ ޓީމުގެ އަޝްރަފު ހަކީމީ އާއި އަބްދުލް ހާމިދު ސަބީރީ އޭގެ ކުރިން ޖެހި ޕެނަލްޓީ ކާމިޔާބުކުރިއެވެ. މޮރޮކޯ މޮޅުވީ ސްޕެއިން އަށް އުފަން ޑިފެންޑަރު އަޝްރަފް ހަކީމީގެ ޕެނަލްޓީ ކާމިޔާބުވުމުންނެވެ.
މޮރޮކޯ އަކީ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގެ ޖާގަ މިހާތަނަށް ހޯދި އެފްރިކާގެ ހަތަރު ވަނަ ގައުމެވެ. މީގެ ކުރިން 1990 ވަނަ އަހަރު ކެމަރޫން، 2002 ވަނަ އަހަރު ސެނެގާލް އަދި 2010 ވަނަ އަހަރު ގާނާ ވަނީ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ.
ކުއާޓާ ފައިނަލްގައި މޮރޮކޯ ކުޅެންޖެހޭނީ ޕޯޗުގަލް އާއި ސްވިޓްޒަލޭންޑް މިރޭ ކުޅޭ ގަދަ 16ގެ ފަހު މެޗުން މޮޅުވާ ޓީމަކާއެވެ.