ވޮޝިންޓަން (14 ޑިސެމްބަރު) - އެމެރިކާއަށް ފިނި މޫސުމުގެ އަސަރުތައް ބޮޑުވެ ކުރިމަތިވަމުން އަންނަ މޫސުމީ ތޫފާނުގައި ބޮޑެތި ގެއްލުން ތަކެއް ވެއްޖެ އެވެ.
އެގޮތުން އެމެރިކާގެ އެކި ސަރަހައްދުތަކަށް ގިނަ އަދަދަކަށް ނަގޫރޯޅި އަރާފައިވާއިރު ބޯކޮށް ސްނޯ ވެހި އިތުރު މޫސުމީ ކާރިސާތައް ކުރިމަތިވެދާނެ ކަމަށް އެ ގައުމުގެ މެޓް އޮފީހުން އަންނަނީ ބުނަމުންނެވެ.
މި ތޫފާނުގައި ދެކުނު އެމެރިކާގެ ދަތުރުފަތުރުގެ ނިޒާމު ހުއްޓިފައިވާއިރު ބޯކޮށް ސްނޯއާއެކު ވައި ނުސާފު ވުމުގެ ސަބަބުން ފާއިތުވެދިޔަ ދެ ދުވަހު އެކަނިވެސް 9000 އަށްވުރެ ގިނަ ފްލައިޓް ލަސް ކުރަން ޖެހިފައިވާ ކަމަށް ރެކޯޑްތަކުން ދައްކަ އެވެ.
ހުޅަނގު އަދި ދެކުނުގެ ސްޓޭޓްތަކުގެ މަގުތަކުގައި 2 ފޫޓުގެ އުސް މިނަށް ސްނޯ ބޯވެ އާއްމު ދިރިއުޅުމަށް ވަނީ އުނދަގޫވެފަ އެވެ. މިހާތަނަށް ވެސް މި ތޫފާނުގައި ގިނަ ބަޔަކަށް އަނިޔާވެ އެއްގަމު އުޅަނދުތަކާއި އިމާރާތްތަކަށް ވެސް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ރިޕޯޓު ކުރެވިފައިވެ އެވެ.
މި މޫސުމީ ތޫފާން ކުރިއަށް އޮތް ހަފްތާއާ ހަމައަށް ވެސް ދިގުދެމިގެންދާނެ ކަމަށް ލަފާ ކުރެވޭތީ އާއްމުން ގޭގައި ތިބެ ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފަ އެވެ.
މިއާއެކު މި ދުވަސްވަރު އެމެރިކާއަށް ދަތުރު ކުރުމުގައި ސަމާލު ވުމަށް ހުޅަނގުގެ ގިނަ ގައުމުތަކުން ވަނީ ރައްޔިތުންނަށް ލަފާ ދީފަ އެވެ. -- ބީބީސީ