ފަލަވުމުން ނުވަތަ މާބަނޑުވުމުން ހަށިގަނޑުގައި ސްޓްރެޗްމާކް ނަގަ އެވެ. އާއްމު މާބަނޑުވެ ވިހެއުމުން ބަނޑުގައި ގިނަ އަދަދަކަށް ސްޓްރެޗްމާކް ނަގާފައި ހުރެ އެވެ. ބައެއް މީހުން ސްޓްރެޗްމާކް ފިލުވާލުމަށް ތަފާތު ވައްތަރުގެ ބޭސް އުނގުޅަ އެވެ. ގޭގައި ސްޓްރެޗްމާކް ފިލުވާލަން ބޭނުންނަމަ މި ކަންތައްތައް ކޮށްލާށެވެ.
ލުނބޯ ޖޫސް
ލުނބޯ ޖޫހަކީ ސްޓްރެޗްމާކް ފިލުވާލުމަށް އެހީތެރިވެދޭ އެއްޗެކެވެ. ސްޓްރެޗްމާކް ނަގާފައި ހުރި ސަރަހައްދުގައި ލުނބޯ ހުތް އުނގުޅާލުމަށްފަހު 10 މިނެޓް ވަންދެން މަޑުކޮށްލާށެވެ. އެއަށްފަހު ހޫނު ފެނުން ދެވޮލާށެވެ. މީގެ އިތުރުން ކިއުކަމްބާ އާއި ލުނބޯ ހުތް އެއްކުރުމަށްފަހު ސްޓްރެޗްމާކުގައި އުނގުޅާލާށެވެ. 10 މިނެޓް ވަންދެން މަޑުކޮށްލުމަށްފަހު ހޫނު ފެނުން ދޮވެލާށެވެ.
ބިސް
ބިހުގައި ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވެ އެވެ. އެހެންކަމުން މިއީ ސްޓްރެޗްމާކް ފިލުވާލުމަށް ވަރަށް ރަނގަޅު އެއްޗެކެވެ. ބިހުގެ ހުދުބައި ތައްޓަކަށް އެޅުމަށްފަހު އުލަކުން ފޮނުއަރަންދެން މިކްސް ކޮށްލާށެވެ. ސްްޓްރެޗްމާކް ހުރި ސަރަހައްދު ރީއްޗަށް ދޮވެލުމަށްފަހު މޭކަޕް ބުރުހަކުން ތުނިކޮށް އުނގުޅާލާށެވެ. ހިކުމުން ފިނިފެނުން ދޮވެލާށެވެ. އެއަށްފަހު ސްޓްރެޗްމާކް ހުރި ސަރަހައްދުގައި އޮލިވް އޮއިލް ކޮޅެއް ހާކާލާށެވެ. ދެހަފްތާ ވަންދެން ދުވާލަކު ދެފަހަރު މިގޮތަށް ކަންތައް ކުރާށެވެ. އޭރުން ސްޓްރެޗްމާކް ފިލާނެ އެވެ.
އޮލިވް އޮއިލް
އޮލިވް އޮއިލް އަކީވެސް ސްޓްރެޗްމާކް ފިލުވާލަދޭ އެއްޗެކެވެ. ތާފަނާ އޮލިވް އޮއިލް ކޮޅަކުން ކޮންމެ ދުވަހަކުވެސް ސްޓްރެޗްމާކް ހުންނަ ސަރަހައްދު މަސާޖް ކޮށްލާށެވެ. އޭރުން ހައްލު ލިބޭނެ އެވެ.
ހަކުރު
ހަކުރަކީވެސް ސްޓްރެޗްމާކް ފިލުވާލުމަށް އެހީވެދޭ އެއްޗެެކެވެ. އެގޮތުން އަލްމަންޑް ތެޔޮކޮޅެއްގެ ތެރެއަށް މޭޒުމަތީ ސަމުސަލެއްގެ ހަކުރާއި ކުޑަ ލުނބޯ ހުތް ކޮޅެއް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަަށްފަހު ސްޓްރެޗްމާކް ހުންނަ ސަރަހައްދުގައި އުނގުޅާލާށެެވެ. ކޮންމެ ދުވަހަކުވެސް ފެންވެރުމުގެ ކުރިން މިގޮތަށް ކަންތައް ކޮށްލާށެވެ. މަސް ދުވަހުން ހައްލު ފެންނާނެ އެވެ.