ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީ ބޭނުންވާއިރަށް ސިޔާސީ ހަރަކާތް ހިންގަން ސުކޫލްތައް ދޫކުރާއިރު އެހެން ޕާޓީތަކަށް އެފުރުސަތު ނުލިބޭ ކަމަށް ވިދާޅުވެ މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ނައިބު ރައީސް އަދި މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އަންހެނުން ބާރުވެރިކުރުމުގެ ސިޔާސަތުތައް އެކުލަވައިލުމުގެ ވޯކްޝޮޕެއް ބާއްވަން ދަރުމަވަންތަ ސްކޫލް ވަނީ މިއަދު އިރުއޮއްސެންދެން އެމްޑީޕީއަށް ދޫކޮށްފަ އެވެ.

އެ ހަރަކާތާ ގުޅޭ ޕޯސްޓަރެއް ހިއްސާކޮށް މެންބަރު ރޮޒައިނާ އާދަމް ވަނީ އެ ހަރަކާތަށް ދައުވަތު ދީފަ އެވެ.

އެމްޑީޕީއަށް ސިޔާސީ ހަރަކާތް ހިންގަން ސުކޫލްތައް ދޫކުރާ އިރު އެހެން ޕާޓީތަކަށާއި ބައެއް ޖަމިއްޔާތަކުގެ ހަރަކާތްތައް ބޭއްވުމަށް އެޑިއުކާޝަން މިނިސްޓްރީން ސުކޫލްތައް ނުދޭތީ ގިނަ ބައެއްގެ ކަންބޮޑުވުން އޮވެ އެވެ.

އެމްޑީޕީއަށް ސިޔާސީ ހަރަކާތްހިންގަން ދަރުމަވަންތަ ސުކޫލް ހޯލް ދީފައި ވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ވިލިމާލެ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ނައިބު ރައީސް އަހުމަދު އުޝާމް ކުރެއްވި ޓުވީޓްއެއްގައި ވިދާޅުވީ އެމްޑީޕީން ހިންގާ ސިޔާސީ ކަންކަމަށް ސަރުކާރުގެ ސްކޫލުތައް ބޭނުންކުރެވޭ ކަމަށާއި އެހެން ޕާޓީއަކުން ޖަލްސާއެއް ބޭއްވުމަށް ސްކޫލެއްގެ ހޯލެއް ހޯދަން އެދުމުން އެއީ މަނާ ކަމެއްކަމަށް ބުނެ މިނިސްޓްރީން އެ ހުއްދަ ނުދޭ ކަމަށެވެ.

އަދި މިއީ ކޮންކަހަލަ އިންސާފެއްތޯ އުޝާމް ސުވާލް ކުރެއްވި އެވެ. އަދި މިކަންކަމުން ވެސް ސާފު ވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު އިންސާފުވެރި ނުވާނެކަން ކަމަށް އުޝާމް ވިދާޅުވި އެވެ.

އުޝާމްގެ އެ ޓުވީޓްއަށް ރައްދު ދެއްވާ ރޮޒައިނާ ވިދާޅުވީ އަބަދުވެސް ޕާޓީތަކުގެ މިފަދަ މަސައްކަތްތަކަށް ސްކޫލް ހޯލްތައް ދޫކުރާ ކަމަށާއި ސުކޫލްތައް ނުދެނީ ކެމްޕެއިން ޖަލްސާތައް ބާއްވަން ކަމަށެވެ.

ރޮޒައިނާ މިހެން ވިދާޅުވި އިރު ބައެއް މަދަނީ ޖަމިއްޔާ ތަކަށްވެސް އެމީހުންގެ ހަރަކާތްތައް ހިންގަން ސުކޫލް ހޯލް ހޯދުމަކީ ދަތި ކަމެކެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި އެދިގެން ގިނަފަހަރަށް އޮންނަނީ ނުލިބިފަ އެވެ. މީގެ އިތުރުން ބައެއް ފަހަރު ދީނީ ހަރަކާތްތައް ހިންގުމަށާއި ދަރުސްތައް ބޭއްވުމަށްވެސް ސުކޫލް ހޯލްތައް ހޯދުމަކީ ދަތި ކަމެކެވެ.

މީގެ އިތުރުން އިދިކޮޅު ޕީޕީއެމްއިން ބުނީ އެޕާޓީން ބާއްވާ ހަރަކާތްތަކަށްވެސް ސުކޫލްތަކުގެ ހޯލު ހޯދަން އެދުމުން އެޑިއުކޭޝަން މިނިސްޓްރީން މަނާ ކޮށްފައި އޮންނާތީ ނުލިބޭ ކަމަށެވެ.