މި މަސް ނިމޭއިރު ކޮމަންޑުއާއި އެރަށާ ޖެހިގެން އޮންނަ މަތި ކޮމަންޑޫ އެއްކޮށްލުމުގެ މަސައްކަތް ނިމިގެން ދާނެ ކަމަށާއި ކުރިއަށް އޮތް ދައުރުގައި ރައްޔިތުން އެދޭ ގޮތަށް އެ ރަށުގައި 300 ފްލެޓް އަޅައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހުގެ ރިޔާސީ ކެމްޕޭން ފެއްޓެވުމުގެ ގޮތުން ށ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި، އެ އަތޮޅު ކޮމަންޑުއަށް ވަޑައިގެން އެ ރަށުގައި ތިބި އެމްޑީޕީގެ މެންބަރުންނާ މުހާތަބުކުރައްވައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ދެ ކޮމަންޑޫގެ ވާހަކަ ދެން އަޑު އިވޭނީ އެއް ކޮމަންޑޫގެ ގޮތުގައި ކަމަށެވެ. އަދި މަތި ކޮމަންޑޫގައި އަސާސީ ހިދުމަތްތައް ގާއިމުކޮށްދެއްވާނެ ކަމަށާއި 300 ހައުސިން ޔުނިޓް އަޅައިދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި މަތިކޮމަންޑޫގައި 300 ހައުސިން ޔުނިޓު އަޅައިދޭނަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ދެވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ ކޮމަންޑޫގެ ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމުގެ ވައުދު މިއަދު ރައީސް ސޯލިހު ވަނީ ވައުދުތަކެއް ވެވަޑައިގެންފަ އެވެ. އެގޮތުން ރަށު ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމާއި ކޮމަންޑޫ ރައްޔިތުން އެދޭ ގޮތަށް ކޫޑަފަރުގައި އެއާޕޯޓެއް އަޅައިދިނުން ހިމެނެ އެވެ.
ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއުއަކީ މިދިޔަ އަހަރު ބޭއްވި މި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައިިއިލެކްޝަންގެ ތެރޭގައި ވައުދުވި މަޝްރޫއުއެކެވެ. ގާތްގަނޑަކަށް 250 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ލަފާކުރެވޭ އެ މަޝްރޫއުގެ މަސައްކަތް އޭރު ފެށި ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން ވަނީ އެ މަސައްކަތް މަޑުޖެހިފަ އެވެ.
ދެ ކޮމަންޑޫ ގުޅައިލުމުގެ މަޝްރޫއުގައި އެމްޓީސީސީއާއެކު ސަރުކާރުން ސޮއިކުރި އެއްބަސްވުމުގެ ދަށުން ކުރާނެ އެއް މަސައްކަތަކީ 16.7 ހެކްޓަރުގެ ބިން ހިއްކުމެވެ. އެއާއެކު ދެ ކޮމަންޑޫ ގުޅާލަން އަޅާ ފާލަމުގެ ދިގުމިނުގައި 200 މީޓަރުގެ (656.1 ފޫޓްގެ) އަދި ފުޅާ މިނުގައި ހުންނާނީ 9.6 މީޓަރު (31.4 ފޫޓު) އެވެ. އެ ފާލަން ގޮސް ގުޅޭނީ ދެ ކޮމަންޑޫގެ ވެސް ހިއްކި ބިމާ އެވެ.
ގުޅާލައި ސަރަހައްދާއި ހިއްކާ ސަރަހައްދު ހިމާޔަތްކުރަން 1520 މީޓަރުގެ ބޮޑުހިލައިގެ ތޮށްޓަކާއި 353 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި ޖެހުން ވެސް އެ މަޝްރޫއުގައި ހިމެނެ އެވެ. މަތިކޮމަންޑޫގެ ގޮނޑުދޮށް ހިމާޔަތްކުރަން ޖަހާނީ 112 މީޓަރުގެ ޖިއޯ ބޭގް ތޮށްޓެކެވެ.