ރަށުގައި ތިބެގެން ގްރޭޑް ދިހައަކާ ހަމައަށް ކިޔެވޭނެ ގޮތް ހެދުމަށް މ. ރަތްމަންދޫ ސުކޫލުގައި ސެޓްލައިޓް ސްކޫލިންގެ ހިދުމަތް ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހުގެ ކެމްޕެއިން ދަތުރުފުޅުގައި މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ މ. ވޭވަށަށާއި ރަތްމަންދޫ އަށް ވަޑައިގެންފަ އެވެ.
މިއަދު ހެނދުނު ރަތްމަންދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ވާހަކަދައްކަވަމުން ރައީސް ވިދާލުވީ ރަށު ސުކޫލަށް ބޭނުންވާ ހުރިހާ ކަމެއް އެޑިއެކޭޝަން މިނިސްޓްރީން ކޮށްދީފައިވާ ކަމަށެވެ. އެހެން ނަމަވެސް އަދިވެސް ކިޔެވުމަށް ބޭނުންވާ ބައެއް ކަންކަން އެބަހުރި ކަން ރައީސް ފާހަގަ ކުރެއްވި އެވެ.
ރަތްމަންދޫ ސްކޫލުގައި މިހާރު ކިޔަވަމުން ގެންދަނީ 14 ކުދިންނެވެ. ރައީސް ވިދާޅުވީ ކޮންމެ އާއިލާއަކުން ވެސް ބޭނުންވާނީ ރަށުގައި ތިބެގެން ދަރީންނަށް ތައުލީމު ދިނުން ކަމަށެވެ. އެގޮތުން އެކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ރަތްމަންދޫ ސްކޫލްގައި ސެޓްލައިޓް ސުކޫލިންގެ ހިދުމަތް ފެށުން ކަމަށް ރައީސް ވިދާލުވި އެވެ.
"މީގަ އޮތް އެންމެ ރަނގަޅު ހައްލަކީ މިތަނަށް ސެޓްލައިޓް ސުކުލްގެ ހިދުމަތް ފޯރުކޮށްދިނުން. އެއީ ރައްޔިތުން ބޭނުންވާގޮތް ކަމަށް ވާނަމަ އެޑިއުކޭޝަން މިނިސްޓްރީން ދާދި އަވަހަށް ފަށާނެ އޭރުން ތިވިދާޅުވާހެން ގްރޭޑު ދިހަ އަކާއި ހިސާބަށްވެސް ކިޔެވޭނެ. މިކަންތައްތަކުގައި ކައުންސިލާ ރައްޔިތުންނާ އެޑިއުކޭޝަން މިނިސްޓްރީ އާއި ވާހަކަ ދައްކައިގެން އަޅުގަނޑާށް ފެންނަނީ ކުރިއަށް ގެންދަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެހިދުމަތް ރަތްމަންދޫ ސުކޫލަށް ފޯރުކޮށްދިނުމަކީ ދަތި ކަމަކަށް ނުވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ރަތްމަންދޫގެ ފެނާނަރުދަމާ އެމަސައްކަތް ކުރިއަށްދާ ކަމަށާ އަދި އެދަނީ ކައުންސިލް އޮފީހުގެ އިމާރާތް ގާއިމް ކުރުން އެމަސައްކަތްވެސް ކުރިއަށް ދާނެ ކަމަށެވެ.މީގެ އިތުރުން ރަށުގެ ބަނދަރުހެދުމާއި ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް އެއް މަސައްކަތެއްގެ ގޮތުގައި ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަސައްކަތް މިހާރު އޮތީ ޕްރީޓެންޑަރިންގެ ހިސާބުގައި ކަމަށާ މިއަހަރު ނިމެންވާއިރަށް އަމަލީ މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު މުޅި ރާއްޖެ އާރުޓީއެލްގެ ހިދުމަތުން ގުޅާލުން ކަމަށާ އޭރުން މ. އަތޮޅު ފަދަ ކުދި އާބާދީގައި ދިރުއުޅޭ ރަށްތަކަށް ވެސް ތަރައްގީ އަންނަމުންދަނެ ކަމަށެވެ.