އެމް-ފައިސާ މެދުވެރިކޮށް ލަންދޫ ކައުންސިލަށް ފައިސާ ދެއްކޭ ގޮތް ހަދައިފި އެވެ.
ލަންދޫ ކައުންސިލްގެ ހިދުމަތްތަކަށް އެމް-ފައިސާ މެދުވެރިކޮށް ލަންދޫ ގެ ރައްޔިތުންނަށް ކޮންމެތާކު ކޮންމެ ވަގުތެއްގައިވެސް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ކައުންސިލަށް ދައްކަންޖެހޭ ފައިސާ މިހާރު ދައްކާލެވޭނެއެވެ. އެމް-ފައިސާ އަކީ ކޮންމެ ތާކު، ކޮންމެ ވަގުތެއްގައި ވެސް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ޓްރާންސްފާ ކުރުމާއި، ޖީއެސްޓީ ދެއްކުމުގެ އިތުރުން ކެފޭ، ރެސްޓޯރަންޓް، ފިހާރަ ފަދަ ތަންތަނަށް ފައިސާ ދެއްކޭ ޑިޖިޓަލް ވޮލެޓެކެވެ. މީގެ އިތުރުން ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫގެ ހިދުމަތްތަކަށާއި މީޑިއާނެޓް ފަދަ ގިނަ ހިދުމަތްތަކަކަށް ބިލް ވެސް ދެއްކޭނެ އެވެ.
ލަންދޫ ކައުންސިލްގެ ރައީސް އަބްދުލްއަޒީޒް މުހައްމަދު ވިދާޅުވީ އެ ކައުންސިލުން އަބަދުވެސް އިސްކަން ދެނީ ހިދުމަތްތައް ފަސޭހަކޮށް ރައްޔިތުންގެ ދިރިއުޅުން ކުރިއެރުވުމަށް ކަމަށެވެ.
"މީގެ އިތުރުން ކައުންސިލް އިން ނަގަމުންދާ ޕްރީ ސްކޫލް ފީ، ކުނި ފީ ގެ އިތުރުން އަދިވެސް އެހެނިހެން ފީތައް އެމް-ފައިސާ މެދުވެރިކޮށް ބަލައިގަތުން ހަމަޖެހިގެން ދިއުމީ ކައުންސިލަށް ވެސް ލިބިގެންދިޔަ ވަރަށް ބޮދު ލުޔެއް. ފައިސާ ގެ މުއާމަލާތްތައް އިތުރަށް ފަސޭހަ ކުރުމުގެ އިތުރުން ލަންދޫ މުޖުތަމައުގައި ޑިޖިޓަލް ހިދުމަތްތަކަށް އަހުލުވެރިކުރުމުގެ ސަގާފަތެއް ވެސް ޕްރޮމޯޓްވެގެން ދާކަމެއް." އަޒީޒް ވިދާޅުވި އެވެ.
އުރީދޫ މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރު އަދި ސީއީއޯ، ޚާލިދް އަލް ހަމާދީ ވިދާޅުވީ އެމް-ފައިސާ މެދުވެރިކޮށް ލަންދޫ ކައުންސިލަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"ޑިޖިޓަލް ރާއްޖެއެއް އުފައްދައި، ޑިޖިޓަލް ޙިދުމަތްތައް މެދުވެރިކޮށް އަޅުގަނޑުމެންގެ މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކުރުމަށް ކުރާ މަސައްކަތާ މި ޕާޓްނަރޝިޕް ވަރަށް ބޮޑަށް ގުޅެއެވެ. މި ޕާޓްނާޝިޕާއެކު އަޅުގަނޑުމެންގެ އަމާޒަކީ ރައްކާތެރިކަމާއެކު ފައިސާ ދެއްކޭނެ މަގު ފަހިކޮށްދިނުމާއި، މި ސަރަޙައްދުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ހަލުވިކުރުން." ޚާލިދް ވިދާޅުވި އެވެ.
މި ޕާޓްނާޝިޕް އާ އެކު ޑިޖިޓަލް ލުއިފަސޭހަކަން ކުރިއެރުވުމުގައި އުރީދޫ މޯލްޑިވްސްއިން ދޭ އަހައްމއްޔަތުކަމުގެ އިތުރުން ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ބާރުވެރި މުޖުތަމަޢެއް ޤާއިމުކުރުމަށް ލަންދޫ ކައުންސިލްގެ ވިސްނުން ވެސް ރަމްޒުކޮށްދެ އެވެ.