ޗައިނާއިން ރާއްޖެއަށް ދިން 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ދިން އެހީއެއް ކަމަށް ރާއްޖޭގައި ހުންނަވާ އެގައުމުގެ ސަފީރު ވާންގް ލީޝިން ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްފަހު އެގައުމުން 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ ލިބިފައިވާކަން ވަނީ ހާމަކުރައްވާފަ އެވެ.
ޗައިނާ ސަރުކާރުން ރާއްޖެއަށް ދިން ހިލޭ އެހީއާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގައި ހުންނަ ޗައިނާ ސަފީރު ލީޝިން ވިދާޅުވީ ހިލޭ އެހީ ގޮތުގައި 130 މިލިއަން ޑޮލަރު ދޭން ނިންމީ ރާއްޖެ އިން ބޭނުންވާ މަޝްރޫއެއް ނޫނީ މަޝްރޫއުތަކެއް ހިންގުމަށް ކަމަށެވެ. އަދި އެހީގައި ކުރިއަށް ގެންދާނެ މަޝްރޫއުތައް ކަނޑައަޅާނީ ދިވެހި ސަރުކާރުން ކަމަށްވެސް ސަފީރު ފާހަގަ ކުރެއްވި އެވެ.
"އެ 130 މިލިއަން ޑޮލަރަކީ ދިވެހި ސަރުކާރަށް ދިން ހަދިޔާއެއް. އެ ފައިސާ ދިނީ މަޝްރޫއުތައް ހިންގަން. އެ މަޝްރޫއެއް ނޫނީ މަޝްރޫއުތަކެއް ކަނޑައަޅާނީ ދިވެހި ސަރުކާރުން،" ސަފީރު ވިދާޅުވި އެވެ.
މީގެ އިތުރުން މިސަރުކާރުން ކުރިއަށް ގެންދާ އެންމެ ބޮޑު ހައުސިން މަޝްރޫއު ކަމަށްވާ ރަސްމާލޭގައި ތަރައްގީ ކުރާ ހައުސިން ޔުނިޓްތަކާ ބެހޭ ގޮތުން ސަފީރު ވިދާޅުވީ އެމަޝްރޫއު ކުރިއަށް ގެންދިޔުމަށް ޗައިނާގެ ބައެއް ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށެވެ.
ރައީސް މުއިއްޒު ޗައިނާ އަށް ކުރެއްވި ފަސް ދުވަހުގެ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ތަފާތު 20 އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފަ އެވެ.
ސަފީރު ވިދާޅުވީ އެ އެއްބަސްވުންތަކަށް ވީ އެންމެ އަވަހަކަށް އަމަލުކުރުމަށްޓަކައި ޗައިނާ އެމްބަސީން މިހާރު ވެސް އަންނަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީއާ ގުޅިގެން ކަމާ ގުޅޭ އެހެން ވުޒާރާތަކާ އެކު މަސައްކަތް ކުރަމުން ކަމަށެވެ.
ރައީސް މުއިއްޒު ޗައިނާ ދަތުރުފުޅަށް ފަހު ވިދާޅުވީ ޗައިނާއިން ދިން ހިލޭ އެހީގެ ދަށުން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ މާލޭ މަގު ހެދުމުގެ މަޝްރޫއަށް ކަމަށެވެ.
ރައީސްގެ ދަތުރުފުޅުގައި ޗައިނާއާއާ އެކު ސޮއިކުރި އެހެން އެއްބަސްވުންތަކުގެ ތެރޭގައި ރަސްމާލޭގައި 30،000 ސޯޝަލް ހައުސިން ޔުނިޓް އެޅުމާއި ވެލާނާ އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއާ ގުޅޭ އެއްބަސްވުންތައް ވެސް ހިމެނެ އެވެ. ހުޅުމާލޭ ފޭސް 2 ގެ އާބަން އައިލްގައި ކޮމާޝަލް ސްޕައިންގެ ނަމުގައި ހަތް އިމާރާތް އެޅުމުގެ އެއްބަސްވުމެއް ގައި ޗައިނާގެ ކުންފުންޏަކާ އެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.