ފަސް އަހަރަށް ރައީސްގެ މަގާމު ފުރުއްވުމަކީ ދޮގު ހަދަން ލިބިގެންދާ ލައިސެންސެއް ނޫން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރައީސް މުހައްމަދު މުއިއްޒު ރޭ ރައްދު ދެއްވައިފި އެވެ.

ޕީއެންސީގެ ފަރާތުން އަންނަ މަހު ބާއްވާ މަޖިލިސް އިންތިހާބުގައި މާފަންނު ހުޅަގު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު މުސްތަފާ އިބްރާހިމްގެ ކެމްޕޭން ހަރަކާތެއްގައި ރައީސް މުއިއްޒު ވިދާޅުވީ ފަސް އަހަރެއްގައި ރައީސްކަން ކުރުމުގެ ފުރުސަތު ލިބުމަކީ ހިތްފުޅަށް އަރާވަޑައިގަންނަވާހާ ގޮތަކަށް އިތުރުފުޅު ހެއްދެވުމަށް އޮތް ލައިސެންސެއް ނޫންް ކަމަށާއި އެއީ އެކަމަށް އޮތް ހުއްޖަތެއް ނޫން ކަމަށެވެ.

"ފަސް އަހަރެއްގައި ރައީސްކަން ކުރުމުގެ ފުރުސަތު ލިބުމަކީ ހިތްފުޅަށް އަރާވަޑައިގަންނަވާހާ ގޮތަކަށް އިތުރުފުޅު ހެއްދެވުމަށް އޮތް ލައިސެންސެއް ނޫންް. އެއީކީއެއް އެކަމަށް އޮތް ލައިސެންސެއް ނޫން، އެކަމަށް އޮތް ހުއްޖަތެއް ނޫން. އެޔަށް ވުރެ އިހުލާސްތެރިވާންވާނެ. ތެދުވެރިވާންޖެހޭނެ. ރައްޔިތުންގެ ކުރިމައްޗަށް އަރާވަޑައިގެން ވާހަކަދައްކާވާއިރު ތެދު ބަހުން ވާހަކަދައްކަވަންޖެހޭނީ. އޮޅުވާލެވިދާނެ. ދޮގުހެދިދާނެ،" ރައީސް ސޯލިހަށް ރައްދު ދެއްވާ ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ވަކި ލިސްޓެއް ހަދައިގެން ފޯމް ލިޔަސް ނުލިޔަސް ގޯއްޗާއި ފްލެޓް ދިނީ ކުރީ ސަރުކާރުން ކަމަށާއި އެކަން އޭސީސީން ބަލަމުންދާ ކަމަށެވެ. އަދި މި ސަރުކާރުން ވަކި ލިސްޓަކަށް އެ ގޯތިތައް ދޭން އުޅޭ ކަމަށް ބުނެ ފަތުރަނީ ބުހުތާނު ދޮގު ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ގެދޮރުވެރިކަން ޔަގީން ކުރުމަކީ އެމަނިކުފާނުގެ އެންމެ މުހިންމު ސިޔާސަތު ކަމަށާއި މި ފަސް އަހަރު ނިމޭއިރު ގެދޮރު ޔަގީން ނުވާ ހަމަ އެއްވެސް ރައްޔިތެއް ނުހުންނާނެ ކަމަށެވެ. އެހެންކަމުން ބޭނުން ވަނީ އެ ސިޔާސަތަށް އެއްބާރުލުން ދޭނެ މަޖިލިސް މެންބަރުން އަންނަ އިންތިހާބުގައި ހޮވައިދިނުން ކަމަށް ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ މަޖިލިސް ކެމްޕޭން ޖަލްސާއެއްގައި ކުރީގެ ރައީސް ސޯލިހް ވަނީ، މި ސަރުކާރަށް ފްލެޓުތައް ނުހައްގުން ބަހާނުލެވިގެން އުޅެނީ މަޖިލިސް މެޖޯރިޓީ އެމްޑީޕީއަށް އޮތުމުން ކަމަށް ވިދާޅުވެފަ އެވެ.