ދައުލަތުން ބަދަލުގެ ގޮތުގައި މި އަހަރު 82 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އެންމެފަހުން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓު ދައްކާ ގޮތުން މިއީ މާޗް 21 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ބަދަލުގެ ގޮތުގައި ދީފައިވާ އަދަދެވެ.
ފިނޭންސް މިނިސްޓްރީގެ މާލީ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ވޭތުވެދިޔަ ތިން މަސް ތެރޭ ވަނީ ގެއްލުމުގެ ބަދަލަށް ކަނޑައެޅި ބަޖެޓުގެ 80 ޕަސެންޓް ހޭދަކޮށްފަ އެވެ. ދައުލަތުގެ ބަޖެޓުގައި މިއަހަރު ބަދަލުގެ ގޮތުގައި ދޭން ކަނޑައަޅާފައިވަނީ 101 މިލިއަން ރުފިޔާ އެވެ.
ބަދަލުގެ ގޮތުގައި ދޭން މިދިޔަ އަހަރު ވެސް ބަޖެޓުގައި 101 މިލިއަން ރުފިޔާ ކަނޑައެޅި އެވެ. ނަމަވެސް އަހަރު ނިމުނުއިރު ބަދަލުގެ ގޮތުގައި 557 މިލިއަން ރުފިޔާ ދީފައިވާކަން ފިނޭންސްގެ ތަފާސްހިސާބުތައް ދައްކަ އެވެ.
ބަދަލުގެ ގޮތުގައި ފައިސާ ދިނީ ކޮން ބަޔަކަށް ކަމެއް ފިނޭންސް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
ވޭތުވެދިޔަ ދިޔަ 13 އަހަރު ތެރޭ އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދައުލަތުން ހަރަދު ކުރީ 2.7 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 74 ޕަސެންޓް ދޫކޮށްފައި ވަނީ މިދިޔަ ފަސް އަހަރު އެވެ. މިދިޔަ ފަސް އަހަރު ބަދަލުގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ސަރުކާރުން ބަދަލުތައް ދޭންޖެހެނީ ސަރުކާރުން ވެފައިވާ އެއްބަސްވުންތައް ގާނޫނާއި ގަވާއިދާ ހިލާފަށް ބާތިލުކޮށްފައި ވުމުގެ ސަބަބުންނެވެ. އަދި ކޮންމެ އަހަރަކު ވެސް ބަޖެޓުކުރާ އަދަދަށް ވުރެ އިތުރަށް ބަދަލު ދޭން ހަރަދު ކުރެ އެވެ.
މި ސަރުކާރުން ވަނީ ކުރީގެ ސަރުކާރުން ގެއްލުމުގެ ބަދަލު ދޭން ހަދާފައިވާ ސެޓްލްމަންޓް ކޮމިޓީ އުވާލައިފަ އެވެ.