ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް އަލަށް ހުވާ ކުރެއްވި މެންބަރުން ގާނޫނު އަސާސީ އާއި ޑިމޮކްރަސީގެ ރިވެތި އުސޫލްތަކުގެ މަތީގައި ދެމިތިއްބަވައި ގައުމަށާއި ރައްޔިތުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ކުރީގެ ރައީސް އިބްރާހުމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް ސޯލިހު މިފަދައިން ވިދާޅުވީ މިއަދު ހުވާކުރެއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ތަހުނިޔާ ކިޔުމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ މެންބަރުންނާއި ރައްޔިތުން ހަވާލުކުރެއްވި މުހިންމު ވާޖިބު އެންމެ ފުރިހަމައަށް އަދާކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރައީސް ސޯލިހުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ވަނީ އާ މަޖިލީހުގެ މެންބަރުންނަށް މަރުހަބާ ދަންނަވައިފަ އެވެ. އަދި ރައްޔިތުންގެ ހައްގުތައް ނެގެހެއްޓުމަށާއި ނަތީޖާ ނެރޭ މަޖިލީހަކަށް ހެދުމަށް ގޮވާލެއްވި އެވެ.

މީގެއިތުރުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަނީ މެންބަރުކަމުގެ ހުވާ ކުރެއްވި ބޭފުޅުންނަށް ތަހުނިޔާ އާއި މުބާރަކްބާދީ އަރިސް ކުރައްވައިފަ އެވެ.

މިހާރު އޮތް މަޖިލީހުގައި 93 މެންބަރުން ތިއްބަވާއިރު ޕީއެންސީ ތަމްސީލްކުރައްވާ 75 މެންބަރުން ތިއްބަވަ އެވެ. އެމްޑީއޭގެ ދެ މެންބަރަކާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވެސް ސަރުކާރާ އެކު މަސައްކަތް ކުރައްވާނެ އެވެ.

ސަރުކާރުން ބޭނުންވާ ގޮތަށް މި މަޖިލީހުގައި ވޯޓު ދެއްވާނެ މެންބަރުންގެ އަދަދު 79 އަށް އަރަ އެވެ. ރިޔާސަތު ނުހިމަނާ އެއީ 78 އެވެ. އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންނާއި އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ ދެ މެންބަރަކު މަޖިލީހުގައި ތިއްބަވަ އެވެ.