އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫއަށް ފެނަކަ ކޯޕަރޭޝަނުން ދެމުން އައި ފެނުގެ ހިދުމަތް ނުލިބޭތީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.

ވިހި ވަނަ މަޖިލިހަށް ފުރަތަމަ ފަހަރަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލް އެވެ.

ނާޒިލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، ފޭދޫ، މަރަދޫފޭދޫ ރައްޔިތުންނަށް ފެނަކައިގެން ފޯރުކޮށްދެމުންދިޔަ ސާފު ފެން ލިބުމުގައި އިންތިހާއަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ނާޒިލް ވިދާޅުވީ ފެނަކައިން އެ މައްސަލަ ހައްލުކުރުމަށް ނުކުޅެދިފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ޒިންމާވާ ފަރާތަކީ ކޮބައިކަން އައްޑޫ ސިޓީ ރައްޔިތުންނަށް ނޭނގޭ ކަމަށް ކުއްލި މައްސަލައިގައިވެ އެވެ.

އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ، ފޭދޫ ރައްޔިތުން މިހާރު ތަހައްމަލް ކުރަމުންދާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދީ ރައްޔިތުންނަށް ލިބެންޖެހޭ އެންމެ އަސާސީ ހިދުމަތް ކަމަށްވާ ސާފު ފެން ފޯރުކޮށްދިނުމުގައި ދިމާވެފައިވާ މައްސަލަ ވަގުތުން ވަގުތަށް ހައްލު ހޯދައިދިނުމަށް ކުއްލި މައްސަލައިގައި ގޮވާލާފައިވެ އެވެ.

މި މައްސަލަ މަޖިލިހަށް ބަލައިގަނެ ބަހުސް ފަށާފައި ވަނީ މަޖިލިހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 83 މެމްބަރުންގެ އިއްތިފާގުންނެވެ.