ޒަމާނަށް އައި ބަދަލާއެކު ހަނދާ އިންސާނުނާ އޮތް ގުޅުމަށް ކޮންމެ ވެސް ބަދަލުތަކެއް އައިސްފައިވާ ކަމުގައި ބެލެވިދާނެ އެވެ.

ޚާއްސަކޮށް ކަޅުފޮއި މޫސުމާއި ހަނދުވަރު ދޭ މޫސުމުގެ ތަފާތާއި ހަނދުވަރު ދޭ ރޭރެއަށް ކުރެވޭ އިންތިޒާރުތަކަށް ދުނިޔޭގެ ގިނަ ބަޔަކަށް ނިމުން އައިސްފައިވާ ކަމަށް ބެލެވިވެދާނެ އެވެ. އެހެން ނަމަވެސް އިންސާނުންނާއި ހަނދާ އޮތް ގުޅުން އެއީ ކެނޑިގެންދާ ވަރަށް ވުރެ މުހިންމު ގުޅުމެކެވެ.

ޓެކްނޮލޮޖީއާއެކު އިންސާނުންގެ ދިރިއުޅުން ގުދުރަތީ ވެށިން މަސްނޫއީ ދިރިއުޅުމަކަށް މިސްރާބު ހިފާފައި ވިޔަސް ހަނދަށް ހުންނަ ޝައުގުވެރިކަން އިންސާނުންގެ ހިތްތަކުން ފިލައި އިންސާނީ ހަޔާތާއި ހަނދާ ހުރި ގުޅުމުގެ ބޮޑުކަމުންނެވެ.

ހަނދަކީ ދުނިޔެއަށް ލިބިފައިވާ ހަމައެކަނި ސެޓެލައިޓްކަމުގައި ވުމާއެކު ހަނދުގެ ދައުރުކުރުން ތަފާތު އެތައް ގޮތަކުން ދުނިޔެއާ ވަނީ ގުޅިފަ އެވެ. އޭގެ ތެރެއިން ވެސް އެންމެ މުހިންމު އެއް ކަމަކީ ދުނިޔޭގެ ދުވަހުގެ ދިގުމިނާއި ހަނދާ އޮތް ގުޅުމެވެ. ހަނދާއި ދުނިޔެއާ އޮތް ގުޅުމުގެ މުހިންމު ކަމުގެ ސަބަބުން ހަނދަކީ އިންސާނުން އަބަދުވެސް ޚާއްސަ ޝައުގުވެރިކަމެއް ދޭ އެއްޗަކަށް އޮންނަނީ ވެފަ އެވެ. ހަނދާއި އިންސާނުންނާ ދެމެދު އޮންނަ ތާރީޚީ، ސަގާފީ ގުޅުންތަކަށް ނިމުމެއް ނެތްއިރު ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހަނދާ ބެހޭ ތަފާތު ސައިންޓިފިކް ދިރާސާތައް ވެސް އަންނަނީ ކުރެވެމުންނެވެ. އެފަދަ ދިރާސާ ކުރާ ސައިންސްވެރިންގެ ޓީމަކުން ވަނީ ހަނދު މިބިމާ މަޑުމަޑުން ދުރުވަމުން އަންނަ އައުން ވަރަށް ތަފުސީލްކޮށް ފާހަގަ ކޮށްފަ އެވެ.

މިކަން މިގޮތަށް ވަނީ ހަނދާއި ދުނިޔޭގެ ގްރެވިޓީގެ ބާރަށް އަންނަ ބަދަލުގެ ސަބަބުންނެވެ. އެފަދަ ދުރުވުމެއްގެ ނަތީޖާއެއްގެ ގޮތުން ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމީ ޔަގީން ކަމެކެވެ.

އެންމެ ފަހުގެ ހޯދުންތަކަށް ބަލާއިރު އަހަރަކު ދޮޅު އިންޗީގެ މިންވަރަށް ހަނދު އަންނަނީ ދުނިޔެއާ ފެޔަށް ޖެހެމުންނެވެ. ހަނދު ދުނިޔެއާ ފެޔަށް ޖެހުމުގެ ނަތީޖާއަކަށް ވާނީ ދުނިޔޭގެ ދައުރުވުން މަޑުވުމެވެ. އެ މަޑުވުމުގެ ސަބަބުން ދުނިޔޭގެ ވަގުތަށް ބަދަލު އަންނާނެ އެވެ. ހަމައެއާއެކު ކަނޑުގެ އޮއިވަރާއި ރާޅަށް ވެސް ބޮޑެތި ބަދަލުތަކެއް އައިސް ކަނޑުގެ ދިރުމަށް ވެސް އަސަރުތަކެއް ކުރާނެ އެވެ. ޚާއްސަކޮށް ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އައިސް ގަސްގަހާ ގެއްސާއި ޖަނަވާރުތަކަށް ވެސް ބޮޑެތި އަސަރުތަކެއް ކުރާނެ އެވެ.

ސައިންސްވެރިން ހޯދާފައިވާ ހޯދުންތަކަށް ބަލާއިރު ދުނިޔެއާއި ހަނދުގެ ވެށްޓަށާއި ހަރަކާތްތަކަށް ބަދަލު އައުމަކީ އާ ކަމެއް ނޫނެވެ. އެތައް ބިލިއަން އަހަރެއްގެ ކުރިން ވެސް ހަނދާއި ދުނިޔެއާ ދެމެދުގައި އޮންނަ ދުރުމިނަށް ބަދަލުތަކެއް އައީ އަންނަމުންނެވެ. އެންމެ ފުރަތަމަ ހަނދު އުފެދުނުއިރު ދުނިޔެއާއި ހަނދާ ދެމެދު ހުރީ މިހާރު ހުރި މިންވަރަށް ވުރެ މާ ކުރު ރާސްތާއެކެވެ. އެހެންކަމުން އެދުވަސްވަރު ދުނިޔެ އެނބުރޭ މިންވަރު މިހާރަށް ވުރެ އެތައް ގުނައެއް ބާރުވާނެ އެވެ. ލަފާކުރެވޭ ގޮތުގައި އޭރު ދުނިޔޭގެ ދުވަހެއްގެ ދިގުމިން ހުރީ ގާތްގަނޑަކަށް ފަސްގަޑީގެ މިންވަރަށެވެ.

އެންމެ ފަސްގަޑި އިރުން 24 ގަޑިއިރަށް ދުނިޔެ ބަދަލުވުމަށް އެތައް ބިލިއަން އަހަރެއް ހޭދަވި އެވެ. ސައިންސްވެރިންގެ ހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ ދުވަހެއްގެ ދިގު މިން 9 ގަޑި އިތުރުވާން 4.5 މިލިއަން އަހަރު ނެގި އެވެ. އެއީ ހަނދު އުފަންވީއްސުރެ ފެށިގެން ފާއިތުވި 4.5 ބިލިއަން އަހަރު ދުނިޔެއާ ދުރަށް ހަނދު ދަތުރުކުރުމުގެ ސަބަބުން ދުނިޔެއަށް އައި ބަދަލެވެ. ހަނދުގެ މި ދަތުރު މިހާރު ވެސް އަންނަނީ ބަރާބަރަށް ކުރިއަށެވެ. އޭގެ މާނައަކީ އަހަރެމެންނަށް ފާހަގަ ނުވިކަމުގައި ވިޔަސް ދުނިޔެ ބުރުޖަހާ މިންވަރު ލަސްވަމުން އަންނަ ކަމެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ގަޑި ލަސްވެ ދުނިޔޭގެ ވަގުތު 24 ގަޑި އިރުން 25 ގަޑި އިރަށް ބަދަލުވުމުގެ ފުރުސަތު އޮތްކަމެވެ. އެހެންނަމަވެސް އެފަދަ ބޮޑު ބަދަލެއް އައުމަށް އަދި އެތައް ބިލިއަން އަހަރެއް އަހަރެއް ނަގާފާނެ އެވެ.