މި އަހަރުގެ ބޮޑު އީދުގެ ހަރަކާތްތައް ރާއްޖޭގެ ހުރިހާ ރަށެއްގައިހެން ފޯރިއާ އެކު ކުރިއަށް ދިޔަ އިރު އީދުގެ ހަރަކާތްތަކުގެ ވާހަކަ އެންމެ ގިނަ މީހުން ދެއްކި އެއް ރަށަކަށް ބ. ކަމަދޫ ވާނެ އެވެ. އީދުގެ ހަރަކާތްތައް ސޯޝަލް މީޑިއާގައި މިފަހަރު އެންމެ ބޮޑަށް ޕްރޮމޯޓްކުރި ރަށަކަށް ވެސް ކަމަދޫ ވާނެ އެވެ.

ކަމަދޫގެ ސަގާފީ ހަރަކާތްތަކުގައި ބައިވެރިވި ޒުވާން ޖިންސުއްލަތީފުންނަށް ފަތްމިނީގެ ލަގަބުދީ ޕްރޮމޯޓްކުރި އެއް ސަބަބަކީ ވެސް ކަމަދޫގެ ކުޅިވަރުތަކަށް ސޯޝަލް މީޑިއާގެ ސަމާލުކަން މިފަހަރު ލިބުނެއް ބޮޑުވުމެވެ. ކަމަދޫގެ އީދު ތީމު ލަވައިގެ ޕްރޮމޯޝަނާ އެކު ގިނަ ބަޔަކަށް ކަމަދޫ މަޝްހޫރުވި އެވެ. އީދު ކުޅިވަރުތަކުގައި ނަށަން އުޅުނު ޒުވާން އަންހެން ކުދިންނަށް ހިތްދޫވެއްޖެ ކަމަށާއި އީދު ކުޅިވަރު ބަލަން ދާންވީ ކަމަދޫ އަށް ކަމަށް ބައެއް މީހުން ބުންޏެވެ. އަނެއް ބަޔަކު ބުނަނީ ދެން އަންނަ ބޮޑު އީދެއްގައި ހުންނާނީ ކަމަދޫގައި ކަމަށެވެ.

ކަމަދޫގެ އީދު ހަރަކާތްތަކުން ފާހަގަވި ޒަރާ ނަށަނީ.

ހަގީގަތަކީ ކޮންމެ އަހަރެއްގެ ވެސް ބޮޑު އީދު ކަމަދޫގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރާ ކަމެވެެ. މި އަހަރުގެ އީދު ކުޅިވަރުތަކުން މަޝްހޫރުވި ޒުވާން އަންހެން ކުދިންނަކީ މިދިޔަ އަހަރު ވެސް އީދުގައި ނަށަން އެ ރަށުގައި އުޅުނު ކުދިންނެވެ. ޚާއްސަކޮށް ގިނަ ބަޔަކަށް އަޅައިގަނެގެން މި ފަހަރު މާބޮޑު ސަމާލުކަމެއް ދިން އުމުރުން 23 އަހަރުގެ އައިމިނަތު ޒަރާ އަކީ މިދިޔަ އަހަރު ވެސް އީދު ހަރަކާތްތަކުގެ ތަރިއެކެވެ. އެކަމަކު މި ފަހަރު މި ޒުވާނާ އަށް ވެސް އެކި ލަގަބުތަކުން މުޚާތަބުކޮށް ސަމާލުކަން ބޮޑުވީ ސޯޝަލް މީޑިއާގައި ބައެއް މަޝްހޫރު މީހުން ކުރި ޕޯސްޓްތަކާ ގުޅިގެންނެވެ.

ކަމަދޫގެ އީދު ހަރަކާތްތަކުން ފާހަގަވި ޒަރާ ނަށަނީ

ޚާއްސަކޮށް ކަމަދޫގެ އީދު ކުޅިވަރުތައް މިފަހަރު ރާއްޖެ ޓީވީން ގެނެސްދިނުމަކީ ވެސް ކަމަދޫ އަށް ނުދެވުނު މީހުންނަށް ވެސް އެ ރަށުގެ ދެ ޖިންސުންގެ ހުނަރުވެރިންގެ ހަރަކާތްތައް ވަގުތުން ބަލާލަން ލިބުނު ފުރުސަތެކެވެ.

https://www.youtube.com/watch?v=b69lZaJKaNk

އީދު ކުލިގަދަކޮށް ފާހަގަކުރި ރަށްތަކުގެ ތެރޭން ކަމަދޫގެ އެކި ކުޅިވަރުތަކާއި ނެށުންތަކުގައި ބައިވެރިވި ދެ ޖިންސުގެ ހުނަރުވެރިންގެ ހުނަރު ހަމަ މޮޅީ އެވެ. އެ ކުދިންނަށް ސޯޝަލް މީޑިއާގައި އެ ކުރަނީ ހައްގު ތައުރީފެކެވެ. ސަގާފީ ކުޅިވަރުތަކަށް ފައިހަމަކުރުމުގައި ދައްކުވައިދީފައި އެ ވަނީ ފަރިތަކަމާއި ކުޅަދާނަ ކަމެވެ.

ކަމަދޫގެ އީދު ކުޅިވަރުތަކާ އެކު އެ ރަށަށް މިވަނީ ވަރަށް ބޮޑު މަގްބޫލް ކަމަކާއި މަޝްހޫރު ކަމެއް ލިބިފަ އެވެ. ލޯކަލް ޓޫރިޒަމް ވެސް ފައްކާވަމުން އަންނަ އެ ރަށުގެ ނެށުންތެރިންނަށް މި ދުވަސްވަރު މުޚާތަބުކުރާ އެންމެ އާއްމު ނަމަކީ ފަތްމިންޏެވެ. ދިވެހި ބަހުގެ ރަދީފުގައި ފަތްމިނީގެ އެއް މާނައެއްގެ ގޮތުގައި ލިޔެފައި ވަނީ އަންހެންވަންތަ ސިފަތަކުން އެންމެ ފުރިހަމަ އަންހެނުން ކަމަށެވެ. އެހެންވެ ބައެއް މީހުން އެ ކުދިންނަށް ފަތްމިނީގެ ލަގަބު އެ ދިނީ އެ ކުދިންގެ ހުނަރަށްވުރެ ސިފަ އަށް ނިސްބަތްކޮށް ކަމަށް ބެލެވިދާނެ އެވެ. އެކަމަކު އެއީ ހަމަ ހުނަރުގެ ގޮތުން ވެސް ހަމަ އެއްވަނައިގެ ހުނަރުވެރިންނެވެ.

ވެރިރަށް މާލޭގެ އުތުރުން ގާތްގަނޑަކަށް 130 ވަރަކަށް ކިލޯމީޓަރު ދުރުގައި އޮންނަ އާބާދީގައި 500 ވަރަކަށް މީހުން ހިމެނޭ ކުޑަކުޑަ ކަމަދޫ އަށް މިފަހަރު އައީ ސޯޝަލް މީޑިއާގައި ވެސް ހަމަ ބޮޑު އީދެކެވެ. ކަމަދޫ މާބޮޑަށް ވެސް ކަމުދިޔައީ އެވެ.

ކަމަދޫގެ އީދު ހަރަކާތްތަކުން ފާހަގަވި ޒަރާ ނަށަނީ.
ކަމަދޫގެ އީދު ހަރަކާތްތަކުން ފާހަގަވި ޒަރާ ނަށަނީ.
ކަމަދޫގެ އީދު ހަރަކާތްތަކުން ފާހަގަވި ކުއްޖަކު ނަށަނީ.
ކަމަދޫގެ އީދު ހަރަކާތްތަކުން ފާހަގަވި ޒަރާ
ކަމަދޫގެ އީދު ހަރަކާތްތަކުގެ ތެރޭން
ކަމަދޫގެ އީދު ހަރަކާތްތަކުގެ ތެރޭން
ކަމަދޫގެ އީދު ހަރަކާތްތަކުން ފާހަގަވި ޒަރާ
ކަމަދޫގެ އީދު ހަރަކާތެއް ކުރިއަށް ދަނީ.