ހެމްބާގް (22 ޖޫން) – ޔޫރޯ ގުރޫޕް އެފްގައި މިރޭ ޖޯޖިއާ އާއި ޗެކް ރިޕަބްލިކް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

މި މެޗުން ޕޮއިންޓެއް ލިބުމުން މި ގުރޫޕްގެ ފަހު މެޗުތަކަށްދާއިރު ދެ ޓީމަށްވެސް ގަދަ 16 އިން ޖާގަ ހޯދުމުގެ ފުރުސަތު އެބައޮތެވެ.

މި މެޗުން ލިބުނު ޕޮއިންޓަކީ ބައިނަލްއަޤްވާމީ މުބާރާތެއްގައި ޖޯޖިއާއަށް ލިބުނު ފުރަތަމަ ޕޮއިންޓެވެ.

މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ރޭންކިންގެ ގޮތުން އެންމެ ދަށުގައި އޮތް ޓީމު ކަމަށްވާ ޖޯޖިއާ އިން މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލީޑު ނެގީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ޖޯޖެސް މިކައުޓަޑްޒޭ ޖެހި ލަނޑުންނެވެ.

އެކަމަކު މެޗުގެ 59 ވަނަ މިނިޓުގައި ޗެކް ރިޕަބްލިކް އިން މެޗުގެ ނަތީޖާ އެއްވަރުކުރީ ފޯވަޑް ޕެޓްރިކް ޝިކް ޖެހި ލަނޑުންނެވެ.

އެ ލަނޑުގެ ފަހުން ޗެކް ރިޕަބްލިކް އިން ޖޯޖިއާގެ ގޯލަށް ބާރުބޮޑުކުރި އެވެ. ޖޯޖިއާގެ ގޯލްކީޕަރު ޖިއޯޖީ މަމާރްޑަޝްވިލީ ވަނީ ޗެކް ރިޕަބްލިކްގެ ގިނަ ހަމަލާތަކެއް ދިފާއުކޮށްފަ އެވެ.

އެކަމަކު މެޗުގެ ބާކީ އޮތް ބައިގައި ލީޑު ނަގަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޖޯޖިއާއަށެވެ. މެޗުގެ އިތުރު ވަގުތުގެ ފަހު މިނިޓުގައި އުފެއްދި ކައުންޓާ އެޓޭކެއްގައި ލިބުނު ހުސް ފުރުސަތެއްގައި، ޖޯޖިއާގެ ސާބާ ލޮބްޖަނިޑްޒޭ ޕެނަލްޓީ އޭރިޔާ ތެރެއިން ފޮނުވާލި ޝޮޓް ދިޔައީ ގޯލުގެ މަތިންނެވެ.