މޫނަށް ކަނދުރާއަށް ނުބަލައި ކޮރަޕްޝަންގެ ތުހުމަތުތައް ބެއްލެވުމަށް އެދިވަޑައިގަންނަވާ ކަމަށާއި، ދައުލަތުގެ ބައި ލާރިއެއްގައި ވެސް ޖެހިވަޑައިގެންފައި ނުވާނެކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ އެމަނިކުފާނުގެ އެދިވަޑައިގަތުމަކީ ވެސް "މޫނަށް ކަނދުރާއަށް" ބެއްލެވުމެއް ނެތި މައްސަލަތައް ބެއްލެވުން ކަމަށެވެ. އަދި މައްސަލަ ބަލާނެކަމުގެ އިންޒާރުތަކާމެދު އެއްވެސް ކަހަލަ ކަންބޮޑުވުމެއް ނެތްކަން ކަމަށާއި އެމަނިކުފާނު ނުޙައްގުން ބައި ލާރިއެއް ވެސް ނަންގަވާފައި ނުވާނެ ކަމަށް ވިދާޅުވި އެވެ. އަދި އެމަނިކުފާނުގެ ސަރުކާރާމެދު ވެސް އެ ޔަގީންކަން އޮތްކަން ރައީސް ސޯލިހު ފާހަގަ ކުރެއްވި އެވެ.

އަޅުގަނޑުމެން އެއްވެސް ވަރަކަށް ކަންބޮޑުވުމެއް ނެތް އިނގޭތޯ. އަޅުގަނޑު ނޯންނާނެ ބައި ލާރިއެއްގައި ވެސް، ބައި ސެންޓުގައި ޖެހިފައެއް ވެސް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ކޮރަޕްޝަންގެ މައްސަލައެއް އޮތިއްޔާ ބައްލަވަންވީ ކަމަށެވެ.

"ބައްލަވާފައި ކަމެއް އޮވެއްޖެއްޔާ ކުރިއަށް ގެންދަވަންވީ، އަޅުގަނޑަށް ހަމަ ޔަގީން އިރާދު ކުރެއްވިއްޔާ އަޅުގަނޑުގެ، އަޅުގަނޑެއް ނޫން އަޅުގަނޑުގެ ސަރުކާރުގެ ވެސް އެ ތިއްބެވި ބޭފުޅުން ގެ އެފަދަ ކަމެއް ނުފެންނާނެ. ކޮށްފައެއް ނޯންނާނެ އަޅުގަނޑުމެންނެއް، އެހެންނަމަ މިހެނެއް ނޫން އަޅުގަނޑުމެން ތިބޭނީ ވެރިކަމުން ފައިބައިގެން، މޫނަކަށް ކަނދުރާއަކަށް ވެސް ބައްލަވާނެ ކަމެއް ނެތް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު އެގޮތަށް ވިދާޅުވިއިރު، ނިމިދިޔަ ސަރުކާރުގައި ފެނަކައިގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅައި ބަހުސް ކޮށްފައިވެ އެވެ.