ކޮލޯން (1 ޖުލައި) – ޔޫރޯގެ ގަދަ 16ގައި މިރޭ ޖޯޖިއާ އަތުން 4-1 އިން މޮޅުވެ ސްޕެއިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މެޗުގެ ފުރަތަމަ ކަށިގަނޑާއެކު ޖޯޖިއާ ޑިފެންސްލައިނަށް ސްޕެއިން އިން ބާރު ބޮޑުކުރަމުންދިޔަ ނަމަވެސް، ހީކުރެވުނު ގޮތާ ހިލާފަށް މި މެޗުގައި ލީޑު ނެގީ ޖޯޖިއާ އެވެ. މިއީ މެޗުގެ 18 ވަނަ މިނިޓުގައި ސްޕެއިންގެ ޑިފެންޑަރު ރޮބިން ލެ ނޯމާންޑް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްޕެއިންގެ މިޑްފީލްޑަރު ރޮޑްރީ ވަނީ ލަނޑު ޖަހައި، މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. ޕެނަލްޓީ އޭރިޔާ ބޭރުން ލިބުނު ޖާގައިގެ ބޭނުން ހިފައި، ރޮޑްރީ ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.
ކައުންޓާ އޭޓޭކްގައި ޖޯޖިއާ އިން ސްޕެއިންގެ ޑިފެންސަށް ނުރައްކާކުރި ނަމަވެސް، ސްޕެއިން ވަނީ މެޗުގެ 51 ވަނަ މިނިޓުގައި ފަބިއަން ރުއީޒް ކާމިޔާބުކުރި ގޯލާއެކު ލީޑު ނަގައިފައެވެ. ސްޕެއިންގެ ޒުވާން ވިންގާ ލަމީން ޔަމާލް ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ، ރުއިޒް ގޯލަށް އަމާޒުކޮށްލީ ބޮލުންނެވެ.
ސްޕެއިންގެ ތިން ވަނަ ލަނޑު މެޗުގެ 75 ވަނަ މިނިޓުގައި ކާމިޔުބުކުރީ މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި ވިންގާ ނީކޯ ވިލިއަމްސް އެވެ. ކައުންޓާ އެޓޭކެއްގައި ސްޕެއިން އިން ތަނަވަސްކުރި ފުރުސަތެއްގައި ނީކޯ ވަނީ އޭނާގެ ސްޕީޑް ބޭނުންކޮށް ޖޯޖިއާގެ ޑިފެންޑަރެއް ކައިރިން ނައްޓާލައި، އޭރިޔާ ތެރެއިން ގޯލުގެ މަތީ ދާގަނޑަށް ބާރު ޝޮޓެއް އަމާޒުކޮށްލައިފަ އެވެ.
މެޗުގެ 83 ވަނަ މިނިޓުގައި ސްޕެއިންގެ ހަތަރު ވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެންއެރި ޑެނީ އޮލްމޯ އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލްގައި ސްޕެއިންއާ ދެކޮޅަށް ނުކުންނާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ޖަރުމަނެވެ.
މި މެޗުން ބަލިވިޔަސް، މުބާރާތުގެ ގަދަ 16ގައި ވާދަކުރުމަކީ ޖޯޖިއާއަށް ލިބުނު ކާމިޔާބެކެވެ. މިއީ ޖޯޖިއާ ޔޫރޯގައި ވާދަކުރި ފުރަތަމަ ފަހަރެވެ. އަދި މުޅި މުބާރާތުގައިވެސް އެ ޓީމުން ދައްކާފައިވާ ކުޅުމާއި، ހިތްވަރާއި ކުރި މަސައްކަތަށް، ގިނަ ބައެއް ތައުރީފް ވަނީ ލިބިފަ އެވެ.