މިއުނިކް (2 ޖުލައި) – ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ވިންގާ ޑޮންޔެލް މާލެން ޖެހި ދެ ލަނޑާއެކު ޔޫރޯގެ ގަދަ 16ގައި މިރޭ ރޫމޭނިއާ އަތުން 3-0 އިން މޮޅުވެ، ނެދަލޭންޑްސް ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
މިއީ 16 އަހަރުގެ ތެރޭގައި ނެދަލޭންޑްސް ޔޫރޯގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މުބާރާތުގެ ކުއާޓާ ފައިނަލްގައި ނެދަލޭންޑްސްއާ ދެކޮޅަށް ނުކުންނާނީ އޮސްޓްރިއާ ނުވަތަ ތުރުކީ އެވެ.
މެޗުގެ 20 ވަނަ މިނިޓުގައި ނެދަލޭންޑްސްއަށް ލީޑު ހޯދައިދިނީ ލިވަޕޫލްގެ ފޯވަޑް ކޯޑީ ގަކްޕޯއެވެ. ރޫމޭނިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޖާގައެއް ހޯދުމަށްފަހު، ގަކްޕޯ ވަނީ ބާރު ޝޮޓެއް ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ.
ލީޑު ނެގުމަށްފަހު ނެދަލޭންޑްސް އިން ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް އުފެއްދި ނަމަވެސް، ބޭނުން ހިފޭ ގޮތެއްނުވި އެވެ.
ނެދަލޭންޑްސްގެ ދެވަނަ ލަނޑު މެޗުގެ 83 ވަނަ މިނިޓުގައި ކާމިޔާބުކުރީ ދެވަނަ ހާފުގައި ކުޅެން ނިކުތް ބޮރޫޝިއާ ޑޯޓްމަންޑްގެ މާލެން އެވެ. ރޫމޭނިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ބޭރުވާން ދިޔަބޯޅައެއް ރޮނގު މަތިން ހޯދުމަށްފަހު، ގަކްޕޯ ގޯލު ކުރިމައްޗަށް ހުރަސްކޮށްލުމުން މާލެން ވަނީ ފަސޭހަކަމާއެކު ގޯލަށް އެ ބޯޅަ އަމާޒުކޮށްލައިފަ އެވެ.
މެޗުގެ އިތުރު ވަގުތުގައި ނެދަލޭންޑްސް އިން ކައުންޓާ އެޓޭކެއްގައި ހޯދި ފުރުސަތެއްގައި، މާލެން ވަނީ އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ.
މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗާ އަޅާބަލާއިރު، މިރޭ ނެދަލޭންޑްސް އިން ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ.
ޔޫރޯގެ ނޮކްއައުޓް ބުރުގައި 2000 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ކުޅުނު ރޫމޭނިއާ އިން މެޗުގެ ފަހުކޮޅު ލަނޑެއް ޖަހަން މަސައްކަތްކުރި ނަމަވެސް، އެ ޓީމަށް އެކަން ކާމިޔާބެއްނުވި އެވެ.