ފެންނަން ހުރި ލިޔުންތަކާއި ހެކިތަކާއި ވާހަކަތަކަށް ރިއާޔަތް ކޮށް ބަލައި މިހާރުގެ ފައިސާއިން ހިސާބު ކުރުމުން އޭނާގެ މިލްކިއްޔާތު 400 ބިލިއަން ޑޮލަރަށް އަރަ އެވެ. އެއީ މިހާތަނަށް ދުނިޔޭގެ އެއްވެސް މީހެއްގެ މިލްކިއްޔާތުގައި ރެކޯޑު ކުރެވިފައިވާ އެންމެ ބޮޑު މިންވަރެވެ. އެ މުއްސަނދިކަމާއި ތަނަވަސްކަމުގެ އަހުލު ވެރިޔަކީ 14 ވަނަ ގަރުނުގައި މާލީ އެޕްޕަޔަރުގެ ވެރިޔާ މަމްސާ މޫސާ އެވެ.

މާލީ އެމްޕަޔާ އަކީ ހުޅަނގު އެފްރިކާގެ ބޮޑު ބަޔަކަށް ފެތުރިފައި އޮތް މުސްލިމް ވެރިކަމެކެވެ. މަންސާގެ މާނަޔަކީ ވެރިމީހާ ނުވަތަ ރަސްގެފާނެވެ. އެހެންކަމުން މަންސާ މޫސާގެ މާނައަކީ މޫސާ ރަސްގެފާނެވެ. މޫސާ އަށް ރަސްކަން ލިބުނު ގޮތާމެދު ރިވާ ވެގެންވާ ގޮތުގައި، މޫސާގެ ކުރީގައި ހުންނެވި ރަސްގެފާނު އެތައް ސަތޭކަ ނައުފަހަރެއް ބަންނަވައިގެން މެޑިޓެރޭނިއަން ކަނޑުގެ ސަރަހައްދުތައް ބަލައި ތަހުލީލު ކުރުމަށް ދަތުރެއް ފެށްޓެވި އެވެ.

މަންސާ މުހައްމަދު ދަތުރަށް ފުރާވަޑައިގަންނަވަމުން މޫސާ ޑެޕިއުޓީއެއްގެ ދަރަޖައިގައި ވެރިކަމާ ހަވާލުކުރެއްވި އެވެ. އެއީ ރަސްގެފާނު އެނބުރި ވަޑައިގަންނަވަން ދެން ގައުމު ހިނގެވުމަށެވެ. އެ ދަތުރަށް ފުރައިވަޑައިގެންނެވި ފަހުން މަންސާ މުހަންމަދުގެ ވެސް އަދި އެ ދަތުރުގައި އެކުގައި ދިޔަ އެއްވެސް އުޅަނދެއްގެ ޚަބަރެއް ވެސް ވެފައެއް ނުވެ އެވެ. އެހެންކަމުން މޫސާއަށް މާލީގެ ވެރިކަން ލިބިވަޑައިގެންނެވި އެވެ. މޫސާގެ ވެރިކަމުގެ ދަށުން މާލީގެ ރަސްކަން ހުޅަނގު އެފްރިކާގެ ބޮޑު ސަރަހައްދަކަށް ފެތުރުނެވެ.

މަންސާ މޫސާގެ މުއްސަނދިކަމަކީ އެގައުމުގައި ހުރި ގިނަ އަދަދެއްގެ ރަނުންނާއި ލޮނުން ލިބުނު މުއްސަނދި ކަމެވެ. ތާރީޚީ އިލްމުވެރިން ބުނާ ގޮތުންނަމަ އެދުވަސްވަރު މުޅި ދުނިޔޭގެ ރަނުގެ ފަސްދޮޅަހަށް ވުރެ ބޮޑު ޕަސެންޓެއްގެ ރަން އޭރު މާލީން ކޮންޓްރޯލު ކުރި އެވެ. ލޮނާއި ރަނުގެ އިތުރުން އެގައުމުން އޭރު ވިއްކި މުދަލުގެ ތެރޭގައި ތަފާތު ބާވަތް ބާވަތުގެ އަގުބޮޑު ޖަވާހިރު ވެސް ހިމެނެ އެވެ.

މަންސާ މޫސާގެ ހައްޖު ދަތުރަކީ އޭނާގެ މުއްސަނދިކަން އަރަބި އިސްލާމީ ދުނިޔެއަށް ތައާރަފްވި އެންމެ ބޮޑު އިވެންޓެވެ. މޫސާގެ ހައްޖުގެ އަޅުކަމަށްޓަކައި އަގު ނުކުރެވޭހާ ރަނާއި އެނޫން ވެސް އަގު ބޮޑު މުދާތައް ގެންދިޔަ އެވެ. މޫސާގެ ހައްޖުގެ އަޅުކަމަށް ގެންދިޔަ ގާފިލާގައި ހައްޖަށް ދިޔުމަށް ދަތުރު ކުރި 60،000 މީހުންނާއި 12،000 އަޅުން ހިމެނެ އެވެ. ކޮންމެ އަޅެއްގެ އަތުގައި ހަތަރު ރާތާ ގަނޑު ރަން ގެންދިޔަ އެވެ. ދަތުރުގައި ގެންދިޔަ 81 ޖަމަލުން ކުރެ ކޮންމެ ޖަމަކެއްގެ ބުރަކަށި މަތީގައި އިތުރު 50 ރާތަލާއި 300 ރާތަލާއި ދެމެދުގެ ވެލި ރަން ގެންދިޔަ އެވެ. މިއަދަދުން ބަލާއިރު މޫސާގެ ހައްޖު ދަތުރަށް ގެންދިޔަ ރަނުގެ މިންވަރު 48،000 ރާތާ ގަނޑު ރަނާއި ލައްކައަކަށް ވުރެ ގިނަ ރާތަލުގެ ވެލި ރަނަށް އަރަ އެވެ.

ހައްޖު ދަތުރުގައި އެހާ ގިނަ އަދަދެއްގެ ރަން ގެންދިއުމުގެ ބޭނުމަކީ ދަތުރު މަތީގައި ދިމާވާ ފަގީރުންނަށް ބެހުމެވެ. އެ ދަތުރުގައި މިސްރުގައި މޫސާ މަޑުކުރައްވައިގެން ހުންނެވި ހުންނެވުމުގައި މިސްރުގެ އާންމުންނަށް ބެއްސެވި ރަނުގެ ގިނަކަމުން މިސްރުގެ އިގުތިސާދަށް އެކަމުގެ އަސަރު އެތައް ޒަމާނަކަށް ކޮށް ގައުމުގެ އިންފްލޭޝަން މައްޗަށް ދިޔަ ކަމަށްވެ އެވެ.

މޫސާގެ މަޝްހޫރު ހައްޖު ދަތުރުގައިގެންދިޔަ މީހުންގެ ތެރެއިން އެތައް ހާސް ބަޔަކު މަރުވި އެވެ. އޭގެ އިތުރުން އަރަބި ކަރައިގެ ފޭރޭ މީހުންގެ އަތް ދަށުވެ، ގިނަ އަދަދެއްގެ މުދާ ގެއްލި މޫސާގެ ގާފިލާ އެނބުރި މިސްރަށް ދެވުނުއިރު ތިބީ ގާތްގަނޑަކަށް ބަނޑަށް ޖެހިފަ އެވެ، ނަތީޖާ އެއްގެ ގޮތުން ދަރަންޏަށް ތަކެތި ހޯއްދަވަން މޫސާއަށް ޖެހިވަޑައިގެންނެވި އެވެ. މޫސާގެ ދީލަތިކަމާއި މީހުންނަށް ވެވަޑައިގެންފައި ހުންނެވި އިހުސާންތެރިކަމުގެ ސަބަބުން މިސްރުން އޭނާއަށް ރަނގަޅު މެހްމާންދާރީ އެއް ލިބިވަޑައިގެންނެވި އެވެ.

ހައްޖުން އެނބުރި ވަޑައިގެން މޫސާ، އެފްރިކާގެ އިސްލާމީ ސެންޓަރެއްގެ ގޮތުގައި މާލީގެ ޓިމްބުކުޓޫ ތަރައްގީކުރެއްވި އެވެ. އެ ސަހަރުގައި ބޮޑެތި މިސްކިތްތަކާއި މަދަރުސާތައް ބިނާކުރައްވައި ތާރީޚާއި ސަގާފީ މަރުކަޒަކަށް އެރަށް ހެއްދެވި އެވެ.

މަންސާ މޫސާގެ ވެރިކަމާ ފޯރުންތެރިކަމުގެ ވާހަކައަކީ މިއަދު ވެސް ދިރާސާކުރާ މީހުންގެ މެދުގައި ޚާއްސަ ޝައުގުވެރިކަމެއް އޮތް ކަމެކެވެ. އެއީ އެފްރިކާގެ މުއްސަނދި ހަޒާރަތާއި އިސްލާމީ ތާރީޚުގެ މުހިންމު ބައެކެވެ.