އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލުކުރުމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ސަރުކާރަށް ގޮވާލައިފި އެވެ.

ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރު ވިދާޅުވީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ގަޑިއަކުން ގަޑިއަކުން ކަރަންޓް ކަނޑަމުންދިޔުމުގެ ސަބަބުން އާންމު ފަރާތްތަކާއި ވިޔަފާރިވެރިންގެ މުދަލަށް ގެއްލުން ލިބި ދިރިއުޅުމަށް ތުރާ ލިބެމުންދާކަން ހިތާމަޔާއެކު ފާހަގަކުރާ ކަމަށެވެ.

އެހެންކަމުން "ކުރީ ސަރުކާރުން" އައްޑޫގެ ކަރަންޓުގެ މައްސަލައަށް ހައްލު ހޯދުމަށް ކޮށްފައިވާ މަސައްކަތް އަވަހަށް އަލުން ފަށައި އެ ތުރާލުން ރައްޔިތުން މިންޖުކޮށްދިނުމަށް މޭޔަރު ސަރުކާރަށް ގޮވާލެއްވި އެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު މީގެކުރިން ވިދާޅުވެފައި ވަނީ ކަަރަންޓްގެ މައްސަލަ ދިމާވަކީ ކެޕޭސިޓީއަށްވުރެ ލޯޑް ބޮޑުވާތީ ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް އައްޑޫ ސިޓީއަށް ޖަނެރޭޓްތަކެއް ފޯރުކޮށް ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

އައްޑޫ ކަރަންޓްގެ މައްސަލަ އަށް ދާއިމީ ހައްލެއް ގެންނަން ފެނަކައިން ވަނީ މިދިޔަ އޭޕްރީލް މަހު ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. ޗައިނާގެ ޑޮންފަންގް އިލެކްޓްރިކްއާ ހަވާލުކޮށްގެން 32 މެގަވޮޓްގެ ޕަވާ ޕްލާންޓަކާއި ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެ ޕްރޮޖެކްޓްގެ މަސައްކަތް ނިމެން ދޮޅު އަހަރު ނަގާނެ ކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ.