ހަ ދާއިރާއެއްގެ ކައުންސިލް ބައި އިލެކްޝަންތަކުގެ ވޯޓުލުން މިއަދު ކުރިއަށް އެބަދެ އެވެ.

މާލޭ ސިޓީގެ ތިން ދާއިރާއަކާ އެކު ޖުމްލަ ހަ ދާއިރާއެއްގެ ކައުންސިލް ބައި އިލެކްޝަންގެ ވޯޓް މިއަދު ނަގަ އެވެ. އެއީ މާލޭ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނދު ދާއިރާ، މައްޗަންގޮޅި މެދު ދާއިރާ، ހުޅުމާލެ ދާއިރާ އާއި ކުޅުދުއްފުށި އުތުރު ދާއިރާ، ރަސްމާދޫ އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮނޑީގެ އިތުރުން ބިލެތްދޫ ކައުންސިލްގެ ރައީސްގެ ގޮނޑިއަށް މެންބަރުން އިންތިހާބު ކުރުމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއްވާ ގޮތުގައި މިއަދު ހެނދުނު 8:00 ގައި ގިނަ ފޮށިތަކުގައި ވޯޓުލުން ވަނީ ފަށައިފަ އެވެ. މި ބައި އިލެކްޝަންގައި 25 ފޮށި ބަހައްޓާފައިވެ އެވެ. އޭގެތެރެެއިން މާލޭގައި ހަތް ވޯޓު ފޮށި ބަހައްޓާފައިވެ އެވެ.

މިއަދުގެ ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށްދާނީ ހަވީރު 4:00 އާ ހަމައަށެވެ.

މައި ދެ ޕާޓީ ކަމަށްވާ ސަރުކާރު ހިންގާ ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީން މާލޭ ސިޓީ ކައުންސިލްގެ ގޮނޑިތަކަށް ވާދަވެރި ކެމްޕޭނެއް ކޮށްފައިވެ އެވެ.