ރާއްޖެ އަށް ޑިމޮކްރެސީ ތައާރަފްވި ފަހުން މި ހިނގި ދުވަސްތަކުގައި އެންމެން ވެސް އެއްބަސްވާ އެއް ވާހަކައެއް ތަކުރާރުވެ އެވެ؛ އެމްޑީޕީ ގަދަވާނީ އިދިކޮޅުގައި އޮންނަ އިރު އެވެ. މިހާރު އެމްޑީޕީ މިއޮތީ އިދިކޮޅުގަ އެވެ. މިހާރުގެ ސުވާލަކީ އެމްޑީޕީން އެ ގަދަކަން ފެނޭބާވަ އެވެ. ގިނަ ބަޔަކު އެއްބަސްވާ ޖަވާބަކަށް ވާނީ ނޫނެކެވެ.

މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެބުރުން އެމްޑީޕީން ބަލިވީ ސަރުކާރުގައި ގަދަކޮށް އޮއްވަ އެވެ. މަޖިލިހުގެ ވެސް ސުޕަ މެޖޯރިޓީ އޮތެވެ. އޭގެ ފަހުން ބޭއްވި އާއްމު އިންތިޚާބުގައި ވެސް ޕާޓީ އަށް ވަނީ ބޮޑު ނާކާމިޔާބެއް ލިބިފަ އެވެ. މަޖިލީހުގެ 93 ގޮނޑީގެ ތެރޭން އެމްޑީޕީ އަށް ލިބުނީ އެންމެ 12 ގޮނޑި އެވެ.

އޭގެ ފަހުން އިއްޔެ ބޭއްވި ބައި-އިލެކްޝަންތަކުން އެމްޑީޕީ އަށް އެންމެ ގޮނޑިއެއް ވެސް ނުލިބެ އެވެ. ލޯކަލް ކައުންސިލްތަކުގެ ހަ ދާއިރާއެއްގެ ބައި އިލެކްޝަންގައި ސަރުކާރު ހިންގާ ޕީއެންސީން ފަސް ދާއިރާއެއް ނަގައި، ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފަ އެވެ. ޕީއެންސީން ނެގީ ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އުތުރު ދާއިރާ ހުޅުމާލެ ދާއިރާ އާއި މައްޗަންގޮޅި މެދު އަދި ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑި އެވެ. ފ. ބިލެތްދޫ ރައީސްގެ ގޮނޑި ވެސް ކާމިޔާބުކުރީ ޕީއެންސީންނެނެވ. ރ. ރަސްމާދޫ އަންހެން މެމްބަރުގެ ގޮނޑި ކާމިޔާބުކުރީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް. ފޮޓޯ: އެމްޑީޕީ

ޕާޓީ އަށް ހިތްވަރު ހޯދުމަށް މުހިންމު އިންތިޚާބެއް ބޯމަތިވެފައި އޮއްވާ ޕާޓީގެ ލީޑަޝިޕުގެ އިސް ބޭފުޅުން ފެނުނީ އެ ދާއިރާތަކުގައި ކެމްޕޭން ކުރެއްވުމުގެ ބަދަލުގައި އެހެން ދަތުރުތަކުގައި އުޅުއްވަނިކޮށެވެ. ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވަޑައިގެންނެވީ އިނގިރޭސި ވިލާތަށެވެ. އެމްޕީޑީ ސަރުކާރުގެ ފޮރިން މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވިއިރު ވެސް މާގިނައިން ބޭނުމެއް ނެތް ބޭރު ދަތުރުތައް ކުރައްވާ ކަމަށް ބުނެ ބައެއް މީހުންގެ ފާޑުކިޔުން އަމާޒުވެފައިވާ ޝާހިދު އިދިކޮޅު ލީޑަރަކަށް ހުންނަވައިގެން ވެސް މިހާރު ބޭރަށް ދެތިން ދަތުރެއް ކުރައްވައިފި އެވެ.

ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އުޅުއްވީ އައްޑު އާއި ފުވައްމުލަކާއި ހުވަދު އަތޮޅަށް ކުރައްވާ ދަތުރެއްގަ އެވެ. މިއިން ދާއިރެއްގައި ބައި-އިލެކްޝަން އިއްޔެ ބާއްވައިފައެއް ނުވެ އެވެ. ބައި-އިލެކްޝަން ބާއްވަން ވަގުތު ކުޑަތަންވި އިރު އެމްޑީޕީގެ އެޑްވައިޒަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ވަރަށް ބޮޑު ހިތާމައަކާ ކުރިމަތިލައްވަން ޖެހިފަ އެވެ. އެމަނިކުފާނުގެ މަންމާފުޅު އަވަހާރަވުމުން ކެމްޕޭނުގައި އަމަލީ ގޮތުން ނޫޅުއްވިދާނެ ކަމަށް އެންމެން ވެސް ގަބޫލް ކުރާނެ އެވެ. އެކަމަކު ސުވާލަކީ އިންތިޚާބެއް ކުރިމަތީގައި އޮއްވާ ޕާޓީގެ ލީޑަޝިޕުގެ އެހެން ބޭފުޅުން ކޮބައިތޯ އެވެ. އިންތިޚާބުތަކުގައި އެމްޑީޕީން ކުރިން ނެރޭ ފޯރި މިހާރު ވަނީ ވަޅު ޖަހައިފަ އެވެ.

ކެމްޕޭނުގައި އިސްކޮށް އުޅުއްވާތަން ފެނުނީ ކުރީގެ ނައިބް ފައިސަލް ނަސީމް އާއި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ފަދަ މަދު ބޭފުޅުންކޮޅެކެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސޯސަން ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: އެމްޑީޕީ

އޭގެ ބަދަލުގައި ވެރިކަން ކުރާ ޕީއެންސީގެ ލީޑަޝިޕުގެ ބޭފުޅުން ފެނުނީ ޕާޓީގެ ކެންޑިޑޭޓުންނާ އެކު ކެމްޕޭނުގައި އުޅުއްވަނިކޮށެވެ. ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ދިޔައީ އިންތިޚާބު ބޭއްވި ދާއިރާތަކުގައި ކެމްޕޭން ކުރަމުންނެވެ. ނުވިތާކަށް މަޖިލީހުގެ ރައީސް އަބްދުއްރާހީމް ވެސް ވޭސްޓް މެނޭޖްމަންޓް މަޝްރޫއެއް އިފްތިތާހު ކުރުމުގެ ނަމުގައި ކުޅުދުއްފުއްޓަށް ވަޑައިގެން ސަޕޯޓަރުން ހިތްހަމަޖައްސައިދިނެވެ.

ގިނަ ބަޔަކު ބުނާ ގޮތުގައި އެމްޑީޕީގައި ކުރިން އޮތް ރޫހު ގެއްލި ދިޔައީ ރައީސް މުހައްމަދު ނަޝީދު ޕާޓީން ދޫކޮށްލައްވައި ވަޑައިގެންނެވި ފަހުންނެވެ. އެކަމަކު އެމަނިކުފާނު އުފެއްދެވި ޕާޓީ، ދަ ޑިމޮކްރެޓްސް ވެސް އޮތީ ހަރަކާތެއް ނެތި ރޫހު ގެއްލި ހުއްޓިފަ އެވެ.

ދަ ޑިމޮކްރެޓްސްގެ ސިޔާސަތުތައް ކިޔައިދޭން ރައީސް މުހައްމަދު ނަޝީދު މާލޭގެ މަގުމަތީގައި ޕިކަޕެއްގައި ހުންނަވައިގެން ވާހަކަދައްކަވަނީ. ފޮޓޯ: ދަ ޑިމޮކްރެޓްސް

އެމްޑީޕީ އަކީ އެ ޕާޓީގެ ލީޑަޝިޕުގައި ތިއްބެވި ބޭފުޅުންގެ އެކަނި ޕާޓީއެއް ނޫނެވެ. ރާއްޖޭގައި އެއްޕާޓީއެއްގައި އެންމެ މީހުން ގިނަ އެމްޑީޕީގައި މިހާރު ވެސް 51،000 އަށް ވުރެ ގިނަ މެންބަރުން އެބަތިއްބެވެ. އަދި ޕާޓީގެ ދަފުތަރުގައި ނެތް ނަމަވެސް އެ ޕާޓީ އަށް ތާއީދުކުރާ އެތައް ބަޔަކު ތިބޭނެ އެވެ. އެ އެންމެންގެ އުއްމީދުތައް ލީޑަޝިޕުން މާޔޫސް ކޮށްގެން ނުވާނެ އެވެ.

ޕާޓީ ހިންގާލާނެކަމުގެ ޝިއާރާ އެކު ވަޑައިގެންނެވި ޗެއާޕާސަން ފައްޔާޒަކަށް ވެސް އެކަމެއް ނުވި އެވެ. އޭގެ ބަދަލުގައި ދައްކަވަނީ "މޮޔަ" ވާހަކަތަކެވެ. އިއްޔެގެ އިންތިޚާބުން ވެސް ޕާޓީ ބަލިވުމުން ވިދާޅުވީ މަދު ބަޔަކު ވޯޓުލީ އިންތިޚާބާ މެދު މާޔޫސްވާން ނުޖެހޭ ކަމަށެވެ.

އިއްޔެ އިންތިޚާބު ބޭއްވި ހަ ދާއިރާގެ ބައި އިލެކްޝަންގައި 13،112 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ އިރު، ވޯޓުލާން ނުކުތީ 3،528 މީހުންނެވެ. އެއީ 27 ޕަސެންޓް މީހުންނެވެ. އެކަމަކު އެއީ ނާކާމިޔާބުގެ ޒިންމާ އަޅުވަން ޖެހޭ ސަބަބެއް ނޫނެވެ. ކެމްޕޭންކޮށްގެން، ވޯޓުލާން މީހުން ނެރުމަކީ ވެސް ޕާޓީތަކުގެ ޒިންމާއެކެވެ. ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދެނީ ވެސް އެފަދަ ކަންކަންކޮށް ސިޔާސީ ގޮތުން މީހުން ހޭލުންތެރި ކުރުވާށެވެ.

އެމްޑީޕީގެ ލީޑަޝިޕް މިހާރު ފެއިލްވެއްޖެ ކަމަށް ބުނެ ޕާޓީގެ އެތައް ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. މިފަދަ އެއްބޭފުޅަކީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކެވެ.

މޫސަ ވިދާޅުވި ގޮތުގައި 2013 ގެ ރިޔާސީ އިންތިޚާބާއި 2014 ގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީ އަށް ނާކާމިޔާބުވުމުން އޭނާ ވާނީ ޗެއާޕާސަން ކަމުން އިސްތިއުފާ ދީފަ އެވެ.

މޫސަ ވިދާޅުވީ އިންތިޚާބުތަކުގައި އެމްޑީޕީން ކުރިން މަސައްކަތް ކުރި ވަރާ ގާތަށް ވެސް މިހާރު މަސައްކަތެއް ނުކުރާ ކަމަށެވެ. ޗެއާޕާސަން އުޅުއްވަނީ އަމިއްލަ އެޖެންޑާއެއް ހިތްޕަވައިގެން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ސިޔާސީ ޕާޓީ އަދި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އޮޔާދާން ދޫކޮށްލުމަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫނެވެ. އިދިކޮޅު ސިޔާސީ ބައެއް ބޭފުޅުން ވެސް ވިދާޅުވަނީ އެމްޑީޕީ އަކީ މިހާރު ތޮށިގަނޑެއް ކަމަށެވެ.

އެމްޑީޕީ ހިންގާލަން މިހާރު ބޭނުން ވަނީ އާ ލީޑަރުންތަކެކެވެ. ފަސްބައި ސާފު ކެރޭ ލީޑަރުންތަކެކެވެ. އެފަދަ ކިތަންމެ ލީޑަރުންނެއް އެމްޑީޕީގައި މިހާރު ވެސް އެބަ ތިއްބެވެ. ނާކާމިޔާބުވި މީހުން ދުރުވެ އުއްމީދީ ޖީލަކަށް ފުރުސަތު ދޭންވީ އެވެ. ޕާޓީ ދެކެ ލޯބިވާ ގިނަ ބަޔަކު މާޔޫސް ނުކުރުވައި އާ ފެށުމަކުން ފަށައި އިންތިޚާބުތަކުގައި ކުރިން ނެރުނު ފޯރި ނެރެންވީ އެވެ.