އިންޑިއާގެ ކެރެލާ ސްޓޭޓަށް ކުރަމުންދާ ވިއްސާރައިގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 194 އަށް އަރައިފި އެވެ.
ކުންޏާއި ޗަކަތަކުގެ ތެރެއިން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ގެއްލުނު 180 އަށް ވުރެ ގިނަ މީހުން ދިރިތިއްބާ ފެނުމުގެ އުއްމީދު ކުޑަވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައިވެ އެވެ.
މި ކާރިސާއަކީ 2018 ވަނަ އަހަރު ކެރެލާގައި ފެންބޮޑުވި ފަހުން ކުރިމަތިވި އެންމެ ނުރައްކާތެރި ކާރިސާ އެވެ. ފަރުބަދަމަތީގެ އަވަށްތަކުން 5500 އަށް ވުރެ ގިނަ މީހުން ސަލާމަތްކޮށްފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު ވިދާޅުވި އެވެ.
"މިއީ ކެރެލާ ސްޓޭޓަށް މިހާތަނަށް ކުރިމަތިވި އެންމެ ނުރައްކާތެރި ގުދުރަތީ ކާރިސާ،" އެ ސްޓޭޓުގެ އެންމެ އިސް އިންތިހާބީ އޮފިޝަލް ޗީފް މިނިސްޓަރު ޕިނަރައީ ވިޖަޔަން ވިދާޅުވި އެވެ.
ވިޖަޔަންގެ ތަރުޖަމާނު ޕީއެމް މަނޯޖް ވިދާޅުވީ ކާރިސާގެ ސަރަހައްދަށް ވާރޭ ވެހުމާ އެކު މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
އެންމެ ބޮޑަށް ބިންގަނޑު ކަނޑައިގެން ދިޔަ ވަޔަނާޑް ޑިސްޓްރިކްޓްގެ ސަރަހައްދާ ގާތްގަނޑަކަށް 30 ކިލޯމީޓަރު (19 މޭލު) ދުރުން ޗާލިޔާރު ކޯރުގެ އަޑިން 40 ވަރަކަށް މީހުންގެ ހަށިގަނޑު ފެނިފައިވެ އެވެ. މީގެ އިތުރުން އެ ސަރަހައްދުން މީހުންގެ ހަށިގަނޑުގެ ބައިތައް ވެސް ފެނިފައިވެ އެވެ.
މަނޯޖް ވިދާޅުވީ ބުރާސްފަތި ދުވަހުގެ ނިޔަލަށް 187 މީހަކު ނުފެނި ވާއިރު، މި ހާދިސާގައި 186 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ޓީ އެސްޓޭޓްގައި މަސައްކަތް ކުރާ މީހުންނެވެ.
މި އޮޕަރޭޝަންގައި 1100 އެއްހާ ރެސްކިއު މީހުންނާއި ހެލިކޮޕްޓަރުގެ އިތުރުން ހެވީ އިކުއިޕްމަންޓްތައް ވަނީ ހަރަކާތްތެރިވެފަ އެވެ.
އިންޑިއާގެ ބޮޑެތި ބައެއް ނޫސްތަކުން ބުރާސްފަތި ދުވަހާ ހަމައަށް ރިޕޯޓް ކޮށްފައިވާގޮތުން ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 276 މީހުން މަރުވެފައިވެ އެވެ.
އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކެރެލާގެ ފަރުބަދަމަތީ ސަރަހައްދުތަކުގެ ޓީ ސްޓޭޓްތަކާއި އަވައްތަކަށް ބޯކޮށް ވާރޭވެހި ޗަކައާއި ފެން ވަދެ، ބައެއް ގެ ވެއްޓި ބްރިޖެއް ވަނީ ހަލާކުވެފަ އެވެ.