ކަނޑައެޅިފައިވާ މިންވަރަށް ވުރެ 100 ގްރާމް ބަރުދަން އިތުރުވުމުން، މިހާރު ކުރިއަށްދާ ޕެރިސް އޮލިމްޕިކްސްއިން އިންޑިއާގެ އެތުލީޓަކު "ޑިސްކޮލިފައި" ކޮށްފި އެވެ.

އަންހެނުންގެ 50 ކިލޯ ރެސްލިން ކެޓަގަރީގައި ވާދަކުރި ވިނޭޝް ފޮގަޓް މުބާރާތުން ވަކިކޮށްފައި ވަނީ އެ އިވެންޓަށް އޭނާގެ ޝަރުތު ހަމަނުވާ ކަމަށް ބުނެ އެވެ.

ވިނޭޝް ވަނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކައި ފައިނަލަށް ވެސް ގޮސްފަ އެވެ. އެހެން ނަމަވެސް ފައިނަލް އޮތް ދުވަހުގެ ހެނދުނު ހުރިހާ ކުޅުންތެރިންގެ ބަރުދަން ބެލިއިރު އޭނާގެ ބަރުދަން ހުރީ ހުންނަންޖެހޭ ވަރަށްވުރެ 100 ގްރާމް އިތުރުވެފަ އެވެ.

މި ނިންމުމާއެކު ވިނޭޝް ރެސްލިންގްއިން ރިޓަޔާ ކުރިކަން އިއުލާން ކޮށްފައިވާއިރު، އިންޑިއާގެ ގިނަ ބަޔަކު އަންނަނީ އޭނާއަށް ހިތްވަރުދީ މެސެޖުތައް ފޮނުވަމުންނެވެ.

ބޮލީވުޑްގެ މަޝްހޫރު ފިލްމު "ޑަންގަލް" އެ ކުޅުންތެރިންނަށް ނިސްބަތްވާ ގީތާ އަދި ބަބީތާ ފޮގަޓްގެ ދެބެންގެ ދެދަރި ވިނޭޝްއަކީ އޮލިމްޕިކްސްގެ ފައިނަލްއަށް ދަތުރުކުރި އިންޑިއާގެ އެންމެ ފުރަތަމަ އެތުލީޓެވެ.

އޮލިމްޕިކްސްގައި ދެ ފަހަރު ވާދަކޮށް ކޮމަންވެލްތު ގޭމްސްގެ ރަން މެޑަލް ވެސް ހޯދާފައިވާ ވިނޭޝްއަކީ 2021 ވަނަ އަހަރުގެ އޭޝިއާ ޗެމްޕިއަން އެވެ.

އޮލިމްޕިކް ކޮމެޓީގެ މި ނިންމުމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން އަންނަނީ އެ މުބާރާތުގެ ގަވާއިދުތައް ހިފަހައްޓާތީ ތައުރީފު ވެސް ކުރަމުންނެވެ.