ރައީސް މުހައްމަދު މުއިއްޒުގެ އެއްވެސް މެސެޖެއް އެއްވެސް ވާހަކައެއް ލީކް ކުރިނަމަ އަނބިދަރިން ނެތްކަމަށް ހުވާކުރުވާ އަހުދު ކުރެއްވި ކަމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ މަޖިލިސް މެންބަރުން ލައްވާ ދާދި ފަހުން ރައީސް މުއިއްޒު އަހުދުކަށަވަރު ކުރުއްވި ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވަނީ ރޭ ޕީއެންއެފުން ބޭއްވި ހަރުގެ ޖަލްސާގަ އެވެ.

މިކަން ކުރެއްވީ ރައީސް މުއިއްޒު ކޮންމެ މަހަކު 50،000 ރުފިޔާ މެންބަރުންނަށް ދެއްވާ ވާހަކަ މީޑިއާގައި ދައުރުވުމާ ގުޅިގެންކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ދާދިފަހުން ހުރިހާ މަޖިލިސް މެންބަރުންގެ ފޯނުތައް ޗެކްކޮށް، ކޮށްފައި، ހުރި ހުރިހާ މެސެޖެއް ބަލާފައިވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް މުއިއްޒު ޕީއެންސީ މަޖިލިސް މެންބަރުންނަށް ކޮންމެ މަހަކު މުލިއާގެއިން ފައިސާ ދެއްވާ ވާހަކަ ތަކުރާރު ކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެކަމުގެ ދިފާއުގައި ވާހަކަ ދެއްކެވި ޕީޖީ ލީޑަރު އިބްރާހިމް ފަލާހު އަކީ ޕީޕީއެމް ކަމުނުގޮސްގެން ޕާޓީ ދޫކޮށްދިޔަ ބޭފުޅެއް ކަމަށާއި އެނބުރި އައީ ވެރިކަން ލިބުމުން ކަމަށެވެ.

އެ ފައިސާ ނުލިބޭނަމަ، 50،000 ރުފިޔާ ނުލިބޭކަން ސާބިތުކުރެއްވުމަށް އަމިއްލައަށް ފުލުހަށް މައްސަލަ ހުށަހަޅުއްވައިގެން ބެލުމަށް ރައީސް ޔާމީން ވަނީ ފަލާހަށް ގޮވާލައްވާފަ އެވެ.

މީގެ އިތުރުން ރައީސް ޔާމީން ވަނީ މަޖިލިސް ރައީސް އަބްދުއްރަހީމްއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެމްއެމްޕީއާރްސީގެ މައްސަލައިގައި އެންމެ ގިނައިން ފައިސާ ނެންގެވީ އަބުދުއްރަހީމް ކަމަށް ރައީސް ޔާމީންގެ ވަކީލް އާސިފް ވިދާޅުވިކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ގަސްދުގައި ރާވައިގެން ރައީސް ޔާމީން ޖަލުގައި ހައްޔަރުކޮށް، ވެރިކަން ހޯދަން ވެގެން އުޅުއްވީ މުއިއްޒު ކަމަށް އަބްދުއްރަހީމް އަށް ޕީއެންސީ ޖަލްސާގައި ވިދާޅުވެވުނީ ވަރަށް ބޮޑު ތެދެއްކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު، އޭރުގެ ސަރުކާރުން ރައީސް ޔާމީން ގެއަށް ބަދަލުކުރެއްވީ ރައީސް މުއިއްޒު އެދިވަޑައިގެން ކަމަށް ބުނެ ހެއްދެވީ އިތުރުފުޅުކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.