ސަރުކާރުގެ ދައުވަތަކަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު މިއަދު ހަވީރު ރާއްޖެ ވަޑައިގެންފި އެވެ.

ޖައިޝަންކަރުގެ ދަތުރުފުޅުގައި ރައީސް މުހައްމަދު މުއިއްޒާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރާ އެކު މަޝްވަރާތައް ކުރައްވަން ވަނީ ހަމަޖެހިފަ އެވެ.

ޖައިޝަންކަރުގެ މި ދަތުރުފުޅުގައި އިންޑިއާއިން ލޯނު އެހީގައި ކުރިއަށް ގެންދާ ތިލަމާލެ ބްރިޖްގެ މަޝްރޫއުގެ މަސައްކަތްތައް ބައްލަވައިލައްވާނެ އެވެ. މީގެ އިތުރުން އިންޑިއާގެ އެހީގައި އައްޑޫގައި ކުރިއަށް ގެންދާ ގިނަ މަޝްރޫއުތަކެއް މަސައްކަތްތައް ބައްލަވާލެއްވުމަށް އެ ސިޓީ އަށް ވެސް ޖައިޝަންކަރު ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

އައްޑޫގެ މަގުހެދުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ ވެސް އިންޑިއާ ކުންފުނިތަކުންނެވެ. އައްޑޫގައި ހުންނަ ފުލުހުންގެ އެކަޑަމީއަކީ ވެސް އިންޑިއާގެ އެހީއާއެކު ހަދާފައިވާ ތަނެކެވެ.

ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީއަށް ފުރައްސާރަ ކުރުމާއި ގުޅިގެން ހީނަރުވެފައިވާ ގުޅުން ރަނގަޅުކުރުމަށް ދެ ގައުމުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައީސް މުއިއްޒު ވެސް ވަނީ "އިންޑިއާ އައުޓް" ކެމްޕޭނުގައި ބައިވެރިވެވަޑައިގެންފަ އެވެ.

އިންޑިއާގެ ހާރިޖީ ވަޒީރު ޖަޔަޝަންކަރު މިއަދު ހަވީރު ރާއްޖެ ވަޑައިގެންނެވުމުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެއާޕޯޓުން މަރުހަބާ ދަންނަވަނީ.

މެއި މަހު ރާއްޖޭގެ ހާރިޖީ ވަޒީރު އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވާއިރު ނިމިދިޔަ ހަފްތާގައި ޓޫރިޒަަމް މިނިސްޓަރު ވަނީ އިންޑިއާ އަށް ވަޑައިގެންފަ އެވެ.