މއ. ކެޔޮވަލުގެ ފާތުމަތު ސައިދާ (ސައީ) އަކީ ކުރިން މިބުނި ސަރަހައްދުން ބިން ލިބިގެން ދިރިއުޅެމުން އައި އާއިލާއަކަށް ނިސްބަތްވާ މީހެކެވެ. ކެޔޮގަސް ނެތް ނަމަވެސް އޭނާ ދިރިއުޅުނު ގޭގެ ގޯތިތެރޭގަ އާއި ގިފިލި ތެރޭގައި ގިނަ އަދަދަކަށް ގަސްހައްދާފައި ހުރެ އެވެ.
އޭނާގެ އެންމެ ދުރުހަނދާނަކަށް ވަނީ ބައްޕަ ހައްދާ ފެންފޯއް ރުއްތަކާއި ބިލެތް ވެލުތެރޭ ކުޅެން އުޅުނު ދުވަސްތަކެވެ. ޚާއްސަކޮށް ބިލެތް އަޅަން ހަދާފައި ހުންނަ މުޅި ތެރެއަށް އެރި އުޅުނުކަން މިހާރު ވެސް ވަރަށް ރަނގަޅަށް އޭނާ ހަނދާން ހުރެ އެވެ.
ސައީ ޚާއްސަ ވަނީ ބަގީޗާގަސް ހެއްދުމުގައި ތަޖުރިބާކާރެއްގެ ގޮތުގަ އެވެ. ގަސްހެއްދުމަކީ އަބަދުވެސް އޭނާގެ ހޮބީއެކެވެ. ގަސް ނުހައްދާ އިރެއް ޚުދު އޭނާއަކަށް ވެސް ބުނާކަށް ނޭނގެ އެވެ. އަބަދުވެސް އެ މަސައްކަތް ކޮންމެ ވެސް ސިފައެއްގައި ކުރެ އެވެ. ގޭތެރޭގައި ހުސް ޖާގައެއް އޮންނަ ކޮންމެ ތަނެއްގައި ގަހެއް ބަހައްޓާނުލައި ސައީ ހިތްހަމައެއްނުޖެހެ އެވެ. މަނީ ޕްލާންޓެވެ. މޮންސްޓެރާ އެވެ. ޑެވިލްސް އައިވީ އެވެ. އެތައް ބާވަތެއްގެ ގަސް އޭނާ ހައްދަ އެވެ.
ބަލާބެލުމަށް އެ ހުރިހާ ގަހަކީ ވެސް ވަރަށް ރަނގަޅަށް ބަލަހައްޓާ ގަސްތަކެއްކަން ފާހަގަވި އެވެ. ފުރިހަމަ އަވި ބޭނުންވާ ގަސްތަކާއި މެދުމިނުގެ އަވި ބޭނުންވާ ގަހާއި އަދި އެއްވެސް ވަރަކަށް އަވީގައި ނުޖައްސާ ގެންގުޅެންޖެހޭ ގަސްތައް ބަހައްޓާފައި ހުންނަނީ އެގަހަށް އެންމެ އެކަށޭނެ ތަންތަނުގަ އެވެ.
އެގޭގައި 400 އަކަފޫޓު ވަރުގެ ތަންކޮޅެއްގައި އޭނާގެ އަމިއްލަ ބަގީޗާ ހައްދާފައި އޮވެ އެވެ. އެތަނުގައި ހިތްގައިމު އެކި ކުލަކުލައިގެ މާތައް ފޮޅިފައިވެ އެވެ. ބަލާ މީއަކު އާޝޯޚުކުރުވާހާ އެމަންޒަރު ރީއްޗެވެ. މިހާރާ ޚިލާފަށް ސައީ ކުރިން ގަސްހައްދައި އުޅުނީ ހިތްހަމަޖެހޭ އުފާވެރި ކަމަކަށް ވީމަ އެވެ.
ވިޔަފާރީގެ ގޮތުން ފުޅާދާއިރާއެއްގައި ގަހުގެ މަސައްކަތް ކުރަން ފެށީ ކޮވިޑަށްފަހު އޭނާގެ ދަރިފުޅުގެ އެދުމުގެ މަތިންނެވެ. އެކަމަށްޓަކައި އަމިއްލަ ޕޭޖެއް ހެދި އެވެ. އަދި ސައިޒް ގްރީން ހެވަން ކިޔާ ޔޫޓިއުބް ޗެނަލް އުފައްދައި ވީޑިއޯ ލާން ފެށި އެވެ.
"އަޅުގަނޑުގެ ދަރިފުޅު ދިން އަޑިއާއެއް މިއީ ފުރަތަމަ. ގްރީން ހެވަން ޑޮޓްއެމްވީ ކިޔާ ޕޭޖެއް ހަދައިގެން ގަސް ވިއްކަން ފެށީ. އަޅުގަނޑުގެ ޔޫޓިއުބް ޗެނަލްގައި ހުންނާނެ ގަސްގަހާ ބެހޭގޮތުން އަޅުގަނޑުގެ އަމިއްލަ ތަޖުރިބާ ބެލުން ތެރިންނަށް ހިއްސާ ކޮށްފައި،" ދިގު މުއްދަތެއްގައި ބެންކް އޮފް ސިލޯންގަ އާއި ދިރާގުގައި ވެސް އަގުހުރި މަސައްކަތްތަކެއް ކުރައްވައިފައިވާ ސައީ ބުންޏެވެ.
ބަގީޗާގައި ގިނައީ ޑެޒާޓްރޯސް
ސައީގެ ބަގީޗާގައި ގިނަ އަދަދަކަށް ޑެޒާޓް ރޯސް ހުރެ އެވެ. އެއީ އޭނާ އެންމެ ގަޔާވާ ބަގީޗާގެ ވައްތަރެވެ. ކުރި އިންދައިގެންނާއި، އޮށް އިންދައިގެންނާއި އަދި ގްރާފްޓް ކޮށްގެން ވެސް އެކި ކުލަކުލައިގެ ޑެޒާޓް ރޯސް ހެއްދުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ބުންޏެވެ.
"އަޅުގަނޑު އެންމެ ހައްދާ ހިތްވަނީ ޑެޒާޓް ރޯސް. ޑެޒާޓް ރޯސް ގަސް ގަންނަނީ މާލެއިން. ބުޑު އާންމުކޮށް މިގަންނަނީ. ކުޑަ ގަހެއް ބޮޑުވެ، މާއަޅަން އަހަރެއް ވަރު ނަގާ. ނަމަވެސް ގްރާފްޓް ކޮށްފިނަމަ އަވަހަށް މާއަޅާނެ،" ސައިޒް ގްރީން ހެވަން ޔޫޓިއުބް ޗެނެލްގެ ފައުންޑާ ސައީ ބުންޏެވެ.
އެންމެބޮޑަށް އެހީތެރިވަނީ ކާކު؟
ސައީގެ ބަގީޗާ ހެއްދުމުގެ މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ވެދެނީ އޭނާގެ ފިރިމީހާ އެވެ. އޮފީހުގައި ބުރަކޮށް އުޅުމަށްފަހު ލިބޭ ހުރިހާ ހުސްވަގުތެއް ބަގީޗާ ބެލެހެއްޓުމުގައި ހޭދަކުރެ އެވެ.
ބަގީޗާގެ ކަންކަމުގައި ފިރިމީހާ ވަރަށް ބޮޑު އެހީތެރިކަމެއް ވެދޭކަން ވަރަށް އުފަލާއެކު އޭނާ ފާހަގަ ކުރެއެވެ.
"ކޮންމެ ދުވަހަކު ވެސް ފަތިސް ނަމާދަށްފަހު ބަގީޗާގައި އެކި މަސައްކަތް ކުރާނެ. ހުކުރު އަދި ހޮނިހިރު ފުލްކޮށް މަސައްކަތް ކުރާކަން ބުންޏަސް ދޮގަކަށް ނުވާނެ،" މުސްތަގްބަލުގައި ގަސްވިއްކާ ފިހާރައެއް ހުޅުވުމަށް ވެސް އުންމީދުކުރާ ސައީ ބުންޏެވެ.
މަސައްކަތުގައި ހުރި އުނދަގޫތަކަކީ ކޮބާ؟
ގަސްހައްދާ ބެލެހެއްޓުމަކީ ވަރަށް ގިނަ ވަގުތު ހޭދަވާ ކަމެކެވެ. ފެން ދިނުން، ކާނާ އެޅުން، އެއްވެސް ބައްޔެއް ހުރިތޯ ޗެކްކުރުމާއި ބައްޔެއް ހުރިކަން ދެނެގަނެވުމުން ވަގުތުން ފަރުވާ ކުރުމަކީ ގަސް ރަނގަޅަށް ބެލެހެއްޓުމަށްޓަކައި ގަވައިދުން ކުރަންޖެހޭ ކަންކަމެވެ.
"ގަސް ބެލެހެއްޓުމުގެ އިތުރުން، ކޮންމެ ދުވަހަކު ވެސް އެގަސްތައް ފޮޓޯނަގައި ޕޭޖަށްލަނީ އަމިއްލައަށް. ގަސްއިންދާ ޕޮޓް މާލޭން ހޯދުމަށް ފުދޭވަރެއްގެ ބޮޑު ޚަރަދެއް ދޭ،" ބަގީޗާ ގަހުގެ އިތުރުން ރަނބާ އަދި ހިކަނދިފަތް ވެސް ހައްދާ ސައީ ބުންޏެވެ.