މަލުގެ ތަފާތު ބޭނުންތައްވެ އެވެ. ޒީނަތްތެރިކުރުމެވެ. ޑިޒައިން ކުރުމެވެ. ބޭސްފަރުވާ ކުރުމަށެވެ. ސެންޓު ހެދުމަށެވެ. މީގެ އިތުރުން މަލުން ތަފާތު ޖަޒުބާތު އުފައްދާކަން ވެސް އެމެރިކާގެ ނިއުޖާޒީގައި ވަރަށް ފަހުން ކުރެވުނު ދިރާސާއަކުން ވަނީ ދެނެގަނެވިފަ އެވެ. އެ ދިރާސާގައިވާ ގޮތުން އަންހެނުންނަށް އެންމެ ބޮޑު އުފަލެއް ލިބޭ އެއްޗަކީ މަލެވެ.

ޖުމްލަ 147 އަންހެނުން ބައިވެރި ކޮށްގެން 10 މަސްދުވަހަށް ކުރިއަށް ގެންދިޔަ މި ދިރާސާގައި ދެނެގަނެވުނީ މާ ފެނުމުން އަންހެނުންގެ އިސްހާސްތަކަށް ބަދަލުތަކެއް އަންނަކަމެވެ. މަލާއި އަންހެނުންނާ ޚާއްސަ ގުޅުމެއްވާ ކަމެވެ. މި ދިރާސައިގެ ބައިވެރިންނަކީ ހަމައެކަނި އަންހެނުންނެވެ. ހަމައެކަނި އަންހެނުން ބޭނުން ކުރީ ގިނަފަހަރަށް ކަންކަމާ އެންމެ ބޮޑަށް ހާސްވެ، ޑިޕްރެސްވާ ބަޔަކީ އަންހެނުން ކަމަށް ވީތީ އެވެ.

ދިރާސާއިން އެނގުނު ގޮތުގައި އަންހެނުންނަށް، މާ ފެންނަން ހުންނަ ނަމަ، އުފާވެރިކަން އިހްސާސްވެ ހިތްހަމަޖެހުން އިތުކުރުވާ ކަމަށެވެ. އެއާއެކު ލިބޭ ހިތްހަމަ ޖެހުމެއްގެ ސަބަބުން އެމީހުންގެ އުޅުމަށް ހެޔޮ ބަދަލުއާދެ އެވެ.

އެގޮތުން ފާހަގަ ކުރެވުނު އެއްކަމަކީ ކޮންމެ އުމުރެއްގެ އަންހެނެއް ނަމަވެސް ރީތި ހިތްގައިމު މަލެއް ދީފިނަމަ ވަގުތުން އުފާވެ ޝުކުރުވެރިވާ ކަމަށެވެ. އަދި އެ އުފާވެރިކަމާއި ހިތްހަމަޖެހުން ގިނައިރުތަކަކަށް ދެމިހުންނަ ކަމެވެ.

ދިރާސާގައި ފާހަގަ ވި އަނެއް ކަމަކީ މާ ހަދިޔާކުރާ މީހާ އާއި ވަގުތުން ގުޅުން ބަދަހިވެ، އެގުޅުން ދެމެހެއްޓޭ ކަމެވެ. އަދި ކުރިމަތީގައި އަބަދު މާ ފެންނަން ހުންނަ ނަމަ އެމީހުންގެ ރައްޓެހިންނާއި އާއިލާ އާއި ގުޅުން ދަމަހައްޓާހިތްވާ ކަމެވެ.

މިދިރާސާގައި ގޭތެރޭގެ އެކި ތަންތާނގައި މާގަސް ބަހައްޓައިގެން މީހުންގެ އިހްސާސްތަކަށާއި މޫޑަށް އަންނަ ބަދަލުތައް ވެސް ދެނެގެނެވުނެވެ. އެގޮތުން ގެއެއްގެ ފެންޑާ، ސިޓިން ރޫމް އަދި ކާގޭގައި މާބެހެއްޓި އެވެ. އަދި އެތަންތަނަށް ދިރާސާގެ ބައިވެރިން ވައްދައި އެމީހުންގެ އިހުސާސްތައް ނޯޓް ކުރި އެވެ. އެތަނަށް ވަން ބައިވެރިންގެ ފަރާތުން ފެނުނީ އުފާވެރިވެ، މޫޑް ރަނގަޅުވެފައިވާ ކަން ކަމަށް ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ޑރ. ހަވިލޭންޑް ޖޯންސް ފާހަގަކުރެއްވި އެވެ.