އެންމެ ގިނަ މެމްބަރުން ތިބި ޕާޓީއަކަށް ޕީއެންސީ ހެދުމަށްޓަކައި ޕީޕީއެމްގައި ތިބި މެމްބަރުން އެޕާޓީން ވަކިކޮށް ޕީއެންސީއަށް ވެއްދުމުގެ މަސައްކަތް ފަށައިފި އެވެ.

ޕީއެންސީއިން ބުނީ އެޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ ބޮޑު ހަރަކާތެއް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުރިއަށްދާނެ ކަމަށެވެ. އަދި މި މަސައްކަތުގެ ތެރެއިން މާލެ އާއި ވިލިމާލޭގެ އިތުރުން 12 ދާއިރާއެއްގައި މިހާރު ވެސް ކުރިއަށްދާ ކަމަށް ޕީއެންސީން ބުންޏެވެ.

އެ ޕާޓީން ބުނީ މެންބަޝިޕް އިތުރު ކުރަން ހިންގާ ހަރަކާތްތަކުގައި ޕާޓީއަށް ވަންނަން ޝައުގުވެރިވާ ފަރާތްތަކުގެ ފޯމުގެ ޕީއެންސީގެ ޓީމުތަކުން ފުރައިދޭނެ ކަމަށެވެ. އަދި އަމާޒަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އަށް ޕީއެންސީ ހެދުމެވެ. އެ ޕާޓީ އަކީ މިހާރު މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް އޮތް ޕާޓީ ކަމަށް ވެސް ޕީއެންސީން ބުނެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް އޮތްއިރު، 50،980 މެމްބަރުންނާއެކު އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތީ އިދިކޮޅު އެމްޑީޕީ އެވެ. ދެވަނައިގައި އޮތް ޕީޕީއެމްގައި ތިބީ 34،827 މެމްބަރުންނެވެ.

ޕީއެންސީ ތިން ވަނައިގައި އޮތީ 28،704 މެމްބަރުންނާ އެކު އެވެ.

ޕީއެންސީ މީގެ ކުރިން ޕީޕީއެމްގެ ކޯލިޝަން ޕާޓީއެއްގެ ގޮތުގައި އޮތަސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކެންޑިޑޭޓުން ވާދަކުރީ ޕީއެންސީން އެކަންޏެވެ. އެ އިންތިހާބުގައި މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އެ ޕާޓީން ހޯދި އެވެ.

މި އަހަރު ނިމުމުގެ ކުރިން ޕީއެންސީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަކަށް ހައްދަވާނެ ކަމަށް ޕީއެންސީގެ ލީޑަރު، މުހައްމަދު ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ޕީއެންސީއަށް ޕީޕީއެމުން މެމްބަރުން ވައްދަން މަސައްކަތްކުރާ އިރު، ޕީޕީއެމް އުވައިލަން އުޅޭކަމުގެ އަޑުތަކެއް އަރާފައިވެ އެވެ.