ޕާކިން ޒޯނެއް ހަދަން މާފަންނު ސަހަރާއިން ގަބުރުތައް ނަގާ އެތަން ހުސްކޮށްދޭނެ ފަރާތެއް ހޯދުމަށް، މާލެ ސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ވަނީ މާފަންނު ސަހަރާ، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ އުސޫލާ އެއްގޮތަށް ހުސްކުރަން ބޭނުންވާ ކަމަށެވެ. އެހެންކަމުން ސަހަރާ ހުސްކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރާނެ ފަރާތެއް ބޭނުންވާ ކަމަށާއި ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށައެޅުމަށް ހުޅުވާލާ ކަމަށް ވެސް ބުނެފައިވެ އެވެ.

މާފަންނު ސަހަރާގައި 36،153 އަކަފޫޓު ހުރެ އެވެ.

ސިޓީ ކައުންސިލުން ބުނީ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށާއި އަގު ހުށައެޅުމަށް ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނަށް އާދެވޭނެ ކަމަށެވެ. އެގޮތުން މިމަހުގެ 14 ވަނަ ދުވަހުގެ 11:00 ޖަހާއިރު ސިޓީ ކައުންސިލަށް އައުމުން މައުލޫމާތު ސާފުކުރެވޭނެ ކަމަށާއި ބިޑު ހުށައެޅުން އޮންނާނީ މިމަހުގެ 20 ވަނަ ދުވަހުގެ 11:00 ޖަހާއިރު ކަމަށް ސިޓީ ކައުންސިލުން ކުރި އިއުލާނުގައިވެ އެވެ.

މާފަންފު ސަހަރާ އަކީ މީހުން ވަޅު ނުލާތާ ވަރަށް ގިނަ ދުވަސް ވެފައިވާ ތަނެކެވެ. އެ ސަހަރާގެ ހުޅަނގު ފަރާތުން މަޖީދީމަގަށް ވާ ގޮތަށް މިހާރު ވެސް ޕާކިން ޒޯނެއް އޮތީ ހަދައިފަ އެވެ. އެއީ ވެސް ބައެއް ގަބުރުތައް ނަގައި، އެތަން ހުސްކުރުމަށް ފަހު އެވެ.