ހާރިޖީ ސިޔާސަތަށް އެއްވެސް ބަދަލެއް ގެންނަވާފައިނުވާނެ ކަމަށާއި އެކަމާއި ގުޅިގެން ރައްޔިތުންގެ ކިބައިން މާފަށް އެދެންޖެހޭ ސަބަބެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައި މިވަނީ އިންޑިއާގެ ހާރިޖީ ވަޒީރު ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާ ބައްދަލުކުރެއްވުމުން އެމްޑީޕީން ނެރުނު ބަޔާނުގައި އިންޑިއާއާ ގުޅުން ގޯސްވީ ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ސަބަބުން ކަމަށާއި ސަރުކާރުން ރައްޔިތުންގެ ކިބައިން މާފަށް އެދެން ގޮވާލައިފައި ވަނިކޮށެވެ.

ނަމަވެސް ސަރުކާރުން ހާރިޖީ ސިޔާސަތަށް ގެނައި ބަދަލަށް އެމްޑީޕީން ވަނީ މަރުހަބާ ކިޔާފަ އެވެ.

މިއަދު މާލެ ސިޓީ ކައުންސިލާއި ބައްދަލުކުރެއްވުމަށްފަހު "އަދަދު" ނޫހުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ހާރިޖީ ސިޔާސަތަށް އެއްވެސް ބަދަލެއްނުގެންނަވާ ކަމަށާއި ރިޔާސީ މެނިފެސްޓޯ އިއުލާނުކުރެއްވި ރެއިން ފެށިގެން ވެސް ދަމަހައްޓަވަމުން ގެންދަވަނީ އެ ސިޔާސަތު ކަމަށެވެ. އެހެންކަމުން މާފަށް އެދެންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

"އިންޑިއާ އައުޓް" ކެމްޕޭންއާއެކު ޕީޕީއެމް ކޯލިޝައިން ވެރިކަމަށް އައުމަށްފަހު ވެސް ވަނީ އިންޑިއާ އާ އިންޑިއާގެ ވެރިންނަށް ފާޑު ކިޔާފަ އެވެ. އެގޮތުން ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރަށް ފުރައްސާރަ ކުރުމުން މައްސަލަ އިތުރަށް ގޯސްވި އެވެ.

އެ ދުވަސްވަރު ރައީސް ވަނީ ރާއްޖެ ކިތަންމެ ކުޑަވިޔަސް އެއީ ރާއްޖެއަށް ބުލީކުރުމަށް ދެވޭ ލައިސެންސް ނޫން ކަމަށް ވިދާޅުވެ އިންޑިއާއަށް ފާޑުވިދާޅުވެފަ އެވެ. މިކަމާ ގުޅިގެން އިންޑިއާގެ މީޑިއާ އަކަށް ދެއްވި އިންޓަވިއު އެއްގައި އަވަށްޓެރި ގައުމުތަކަށް ދަތިތަކެއް ކުރިމަތިވުމުން އެކަންކަން ހައްލުކުރުމަށް ބުލީކުރާ ފަރާތްތަކުން 4.5 ބިލިއަން ޑޮލަރުގެ އެހީ ނުދޭނެކަމަށް ވިދާޅުވެ އިންޑިއާގެ ހާރިޖީ ވަޒީރު ޖަޔަޝަންކަރު ރައީސްއަށް ރައްދު ވެސް ދެއްވި އެވެ.