މުހައްމަދު އަބޫ އަލް ކުމްސަން އޭނާއަށް އަލަށް ލިބުނު އެއްމާބަނޑު ދެ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓްތައް ހިފައިގެން ދިޔައިރު ފެނުނީ ހިތްދަތި މަންޒަރެކެވެ. އެމީހުން ހިޔާވަހިކަން ހޯދަމުން ދިޔަ ގައްޒާގެ އެޕާޓްމަންޓަށް އިސްރާއީލުން ދިން ހަމަލާއެއްގައި އޭނާގެ ދެ ދަރިންނާއި އަންހެނުން އަދި ކުދިންގެ މާމަ ޝަހީދުކޮށްލާފައިވާ މަންޒަރެވެ.

މުހައްމަދު އަބޫ އަލް ކުމްސަންގެ މި ހިތްދަތި ވަގުތުކޮޅުގެ ވީޑިއޯ މީސްމީޑިއާގައި ދައުރުވަމުންދާއިރު، ވީޑިއޯއިން ފެންނަ ގޮތުން ލެމިނޭޓްކޮށްފައިވާ އޭނާގެ ދެ ދަރިންގެ އުފަންދުވަހުގެ ސެޓްފިކެޓްތައް ހިފައިގެން ހުރެ އޭނާ ރޮމުންދާއިރު ކައިރީގައި ތިބި މީހުން އޭނާ ހިފަހައްޓާ ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދެ އެވެ.

https://vt.tiktok.com/ZS2L9qLRx/

އޭނާ އަށް އަލަށް ލިބިފައިވަނީ އެއްމާބަނޑު ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެކެވެ. އަސޭރާއި އައިސެލްގެ ހަށިގަނޑު ހުދު ކުލައިގެ ކަފުނުގައި އޮޅާލާފައި އޮތެވެ. އިސްރާއީލުން އެއްގަމާއި ވައިގެ މަގުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ގެދޮރުގެއްލި އެތައް ލައްކަ ބަޔަކު ހިޔާވަހިކަން ހޯދުމުން އަންނަ މި ސަރަހައްދުތަކުން އެއީ އާ މަންޒަރެއް ނޫނެވެ. އިސްރާއީލުގެ އަނިޔާވެރިކަމުގައި ކޮންމެ ދުވަހަކު ފަލަސްތީނުގެ އެތައް ބަޔަކު ދަނީ ޝަހީދުވަމުންނެވެ.

ގައްޒާގެ ސިއްހީ އިދާރާތަކުން ހާމަކުރާ ގޮތުގައި އިސްރާއީލުން ދިން ހަމަލާތަކުގައި 40،000 އެއްހާ މީހުން މަރުވެ، 92،000 އަށްވުރެ ގިނަ މީހުން ޒަހަމްވެ، ގައްޒާގެ ބޮޑު ބައެއް ވަނީ ސުންނާފަތިވެފަ އެވެ.