ވިޔަފާރިވެރިޔާ މުހައްމަދު ޒާހިރު (އޯކޭ ޒާހިރު) ނިޔާވުމުން އެ މަރުހޫމުގެ އާއިލާ އަށް ރައީސް މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ޒާހިރު އުމުރުފުޅުން 76 އަހަރުގައި މިއަދު ނިޔާވީ ދިރިއުޅުއްވަމުން ގެންދެވި ލަންކާގަ އެވެ.

ޒާހިރު ނިޔާވުމާ ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި ކާރުހާނާ ހިންގަވައި، ގައުމުގެ އަމިއްލަ އުފެއްދުންތައް ބާޒާރަށް ނެރުއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައި، އިގްތިސާދު ކުރިއެރުވުމުގެ ރޮނގުން ގައުމީ އިނާމު ހާސިލްކުރައްވާފައިވާ އޯކޭ ޒާހިރު އަވަހާރަވުމުގެ ހިތާމައިގާ ބައިވެރިވެ، މަރުޙޫމްގެ އާއިލާއަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް ވަނީ ޒާހިރުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ. އެގޮތުން އޭނާއަކީ ރާއްޖޭގައި ސިޔާސީ އިސްލާހީ މަސައްކަތުގައި ގިނަ ގުރުބާނީތަކެއް ވެވަޑައިގެން، ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.