މުޑުދާރު ތަނެއްގައި ސާފުތާހިރުކަން ކުޑަކޮށް، ދުފުމަށް ބޭނުންކުރާ ފޯއްކޮށައިގެން ވިއްކާ ބިދޭސީންތަކެއް އަނެއްކާވެސް އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން މި މީހުން އަތުލައިގެންފައިވަނީ އިއްޔެ ހިންގި ހާއްސަ ރެއިޑެއްގައި، މ. ރީތި އޯކިޑުގެ ބަލައި ފާސްކޮށްގެނެވެ.

އިމިގްރޭޝަނުން ބުނީ މާލެ ސިޓީ ކައުންސިލުން ހިއްސާކުރި މައުލޫމާތަކާއި ގުޅިގެން، ހިންގި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އުޅޭ ދެ ބިދޭސީއަކު ހުއްޓުވާފައިވާ ކަމަށެވެ.

އެތަނަކީ ދިވެހިން އާންމުކޮށް ދުފުމުގައި ބޭނުންކުރާ ފޯއް، ވިޔަފާރިއަށް ތައްޔާރުކުރަމުންދާ ތަނަކަށްވެފައި، ސާފުތާހިރުކަން އިންތިހާއަށް ދަށް ކަމަށް ފާހަގަވެފައިވާތީ އެކަން ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެވިފައިވާކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

ވަރަށް ގިނަ ދިވެހިން ދުފުމަށް ބޭނުންކުރާ ފޯއް ތައްޔާރުކުރަމުންދިޔަ ތަން

ދާދިފަހުންވެސް ވަނީ ދިވެހިން އާންމުކޮށް ފިހާރަތަކުން ގަނެގެން ކެއުމަށް ބޭނުންކުރާ ތެއްލިފަތާ، މަސްމިރުސް އަދި ކޮށި ފޯއް ޕެކެޓް ފަދަ ތަކެތި ގިނަ އަދަދަކަށް ހަދައިގެން ވިއްކަމުންދިޔަ ބިދޭސީންތަކެއް ހުއްޓުވާފަ އެވެ. އެތަނަކީވެސް ސާފުތާހިރުކަން ކުޑަ ތަނެކެވެ.

ރައްޔިތުންގެ ސިއްހަތާ ގުޅުންހުރި މިފަދަ މައްސަލަތައް ފެންމަތިވަމުން ދާއިރު ކަމާގުޅުންހުރި އިދާރާކަމަށްވާ ފުޑްއެންޑް ޑްރަގް އޮތޯރިޓީން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.