ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރަން ރ. ފުއްގިރި ކުއްޔަށްދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ މައްސަލަ ކްރިމިނަލް ކޯޓުގެ މާދަމާގެ ޝެޑިއުލުން ނަގައިފި އެވެ.

އެ މައްސަލާގައި ޔާމީންގެ މައްޗަށް އުފުލީ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާ އެވެ. އެންމެފަހުން އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގަ އެވެ. އެ އަޑުއެހުން ބޭއްވިތާ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން މާދަމާއަށް އެ މައްސަލަ ޝެޑިއުލްކުރިކަން އެ ކޯޓުން ހާމަކުރީ އިއްޔެ އެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ދައުލަތުގެ ހެކިވެރިންނަށް މާދަމަ ހާޒިރުވެވެން ނެތުމުން، ދައުލަތުން އެދިގެން މާދަމާގެ ޝެޑިއުލުން އެ މައްސަލަ ނެގީ ކަމަށެވެ.

ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް ބުދަ ދުވަހު ވެސް ބާއްވަން ވަނީ ނިންމާފަ އެވެ. އެއީ ހައިކޯޓުން އަލުން ބަލަން އެންގި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތެވެ. އެ މައްސަލާގައި ކުރިން ޔާމީނަށް އިއްވީ 11 އަހަރުގެ ޖަލުހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެކެވެ.