ބުޅާމަސް ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކުރާކަމުގެ ތުހުމަތުގައި ހޯދަމުންދިޔަ މީހާ ފުލުހުން ހައްޔަރުކޮށްފި އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްގެ މީހެއް ކަމަށްވާ އަރްފަތް ހޮސައިން، އެވެ.

މަގުމަތީގައި އުޅޭ ބުޅާތައް ހިފާ މީހެއްގެ ގޮތުގައި ތުހުމަތު ކުރެވޭ މީހެއްގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށް އެނިމަލް މިނިސްޓްރީން އިއްޔެ ވަނީ ބުނެފަ އެވެ.

އެމީހާ މަގުމަތީގައި އުޅޭ ބުޅާތައް ހިފާތީ އެކަން ސޯޝަލް މީޑިއާގައި މީހަކު ވީޑިއޯއެއް ޝެއާކޮށްފައިވެ އެވެ. އަދި އެކަން ކުރާ ކަމަށް އެ މީހާ އެ ވީޑިއޯގައި އެއްބަސްވެ އެވެ. އެ މައްސަލަ ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސް، އެކަން ބަލަން ފެށީ އިއްޔެ އެވެ.

ބުޅާ މަހުން ތަކެތި އުފައްދާ ބިދޭސީ މީހާ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި.

އެ މައްސަލަ ފުލުހަށް ހުށަހެޅުމުން އެމީހާ ހައްޔަރުކޮށް އެ މައްސަލަ ތަޙުގީގު ކުރަން ފަށާފައިވާ ކަމަށް ބުންޏެވެ.

ބުޅާ ހިފައިގެން އޭގެ މަހުން ކާބޯތަކެތި ތައްޔާރުކުރާ މައްސަލަ ފެންމަތިވުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް އިމިގްރޭޝަނުން ވެސް ފެށި އެވެ. އެގޮތުން އޭނާ ދިރިއުޅޭ ތަނަށް އިމިގްރޭޝަނުން ދިޔައިރު އެތަނުން އޭނާ ފެނިފައި ނުވާތީ، އޭނާގެ ވަނަވަރު އާންމުކޮށް 5 ދުވަހުގެ ތެރޭގައި އޭނާ އިމިގްރޭޝަނަށް ހާޒިރުވުމަށް އާންމުކޮށް އިއުލާނެއް ކޮށްފައިވެ އެވެ.

ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ގިނަ އަދަދެއްގެ ބިދޭސީން ދަނީ އަތުލައިގަންނަމުންނެވެ.