އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ އަވަށެއްކަމަށްވާ ގަންގައުލީއަކީ އާދަޔާ ހިލާފަށް ކެންސަރުބަލި ޖެހިފައިވާ މީހުން ގިނަ އަވަށެކެވެ.

ގަންގައުލީއަކީ އިންޑިއާގެ ވެރިރަށް ނިއުދިއްލީ އިން ދެ ގަޑިއިރުން ދެވޭ ކުޑަ އަވަށެކެވެ.

ގާތްގަނޑަކަށް 5000 މީހުން ދިރިއުޅޭ އެ އަވަށުގައި ތިންބައިކުޅަ އެއްބައި މީހުނަށް ކެންސަރު ބަލި ޖެހިފައިވާކަމަށް އެ އަވަށުގެ ބައެއް މީހުން ބުނެ އެވެ. ނަމަވެސް މިކަން ހާމަކޮށްދޭ ރަސްމީ ލިޔެކިޔުން ނެތްކަމަށްވެއެވެ.

އެ އަވަށުގެ ރައްޔިތެއް ކަމަށްވާ ވިޕިން ރާތީ އަކީވެސް ބަނޑުގައި ޓިއުމަރެއް އުފެދި، ކެންސަރުބައްޔަށް ފަރުވާ ހޯދަމުންދާ މީހެކެވެ. އޭނާ މިހާތަނަށް އަށް ކީމޮތެރަޕީ ސެޝަން ނަގާފައިވާއިރު، ސިއްހީ ހާލަތުވަނީ ވަރަށް ދައްވެފަ އެވެ. އޭނާ ބުނިގޮތުގައި ބައްޔަށް ފަރުވާކުރުމަށް އަތުގައިހުރި ހުރިހާ ފައިސާ ހޭދަކުރަން ޖެހިފައިވެ އެވެ. މީ ވިޕިންގެ އިތުރުން އެ އަވަށުގެ އެތައް ބައެއްގެ ހާލަތެވެ.

މި އަހަރުގެ ކުރީކޮޅު އިންޑިއާގެ މަލްޓިނެޝަނަލް ސިއްހީ ހިދުމަތްދޭ އެޕޯލޯ ހޮސްޕިޓަލްސް ގްރޫޕުން އާންމުކުރި ރިޕޯޓެއްގައި ވާގޮތުން އިންޑިއާއަކީ ދުނިޔޭގައި ކެންސަރުބަލި އެންމެ ގިނަ ގައުމެވެ. ދެހާސް ފަންސަވީސް ވަނަ އަހަރު އެކަނިވެސް 1.6 މިލިއަން މީހުނަށް ކެންސަރު ޖެހިދާނެކަމަށް އެ ރިޕޯޓްގައި ލަފާކޮށްފައިވެ އެވެ.

އެ ގައުމުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން 2022 ވަނަ އަހަރު 1.4 މިލިއަން މީހުނަށް ކެންސަރު ޖެހިފައިވެ އެވެ. ދެހާސް ވިހި ވަނަ އަހަރާހަމައަށް ރިކޯޑްކުރެވުނު ކެންސަރު ކޭސްގެ އަދަދު 13.9 މިލިއަނަށް އަރައެވެ. އަދި މި އަދަދު މިއަންނަ އަހަރާއި ހަމައަށް 15.7 މިލިއަނަށް އަރާނެކަމަށް ވަނީ ލަފާކޮށްފަ އެވެ. މީ ފަސް އަހަރުތެރޭގައި ކެންސަރު ބަލި ޖެހުނު އަދަދު 13 އިންސައްތަ އިތުރުވުމެކެވެ.

މިހާބޮޑަށް ކެންސަރު ބަލި ފެތުރެން ދިމާވެފައިވާ ސަބަބުތައް ވަނީ ނުހޯދި އެވެ. ގަންގައުލީގައި ދިރިއުޅޭ ބައެއް މީހުން ލަފާކުރާ ގޮތުގައި އެ އަވަށުގައި ބަލި އިތުރުވަނީ ބޯން ބޭނުންކުރާ ސާފުނޫން ފެނުގެ ސަބަބުންނެވެ. އެމީހުން ބުނި ގޮތުގައި ބައެއް ޑޮކްޓަރުންވެސް އެކަމަށް އެއްބަސްވެއެވެ.

ގަންގައުލީ އަށް ފެން ލިބެނީ އެ ގައުމުގެ ތިންވަނައަށް އެންމެ ބޮޑު ކޯރު ކަމަށްވާ ކްރިޝްނަ ކޯރުންނެވެ. ކޯރު ކައިރީގައި ހުންނަ ހަކުރު އަދި ކަރުދާސް ތައްޔާރުކުރާ ފެކްޓްރީތަކުން ބޭރުކުރާ ކުނީގެ އަސަރު ކޯރަށް ކުރާކަމަށް މީހުން ބުނެ އެވެ. އިންޑަސްޓްރިއަލް ކުނިން ކޯރުގެ ފެންވަނީ ތަގައްޔަރުވެފަ އެވެ. ނަމަވެސް މިފަދަ ފެކްޓްރީތަކުގެ އެ އަމަލުތަށް އިދާރާތަކަށް ނުހުއްޓުވެ އެވެ.

ގަންގައުލީގެ އިތުރުން އިންޑިއާގެ ވަރަށް ގިނަ ސަރަހައްދުތަކުގެ ހާލަތަކީ މި އެވެ.

އިންޑިއާގެ ގިނަ ޑޮކްޓަރުން ލަފާކުރާ ގޮތުގައި މުޅި ގައުމުގައި ކެންސަރު ޖެހޭ މިންވަރު އިތުރުވަމުން ދަނީ އެ ގައުމުގައި ބޮއްސުންލާފައިވާ އިންޑަސްޓްރިއަލް މަސައްކަތްތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާއި އަދި ތިމާވެށީގެ ސަބަބުތަކާއި ގުޅިގެންނެވެ.