ވ. އާރަށު މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތް ލައިވްކޮށްގެން ކުރިއަށް ގެންދިޔުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

އާރަށު މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލުހުކުމް ބާތިލުކޮށް އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އެންގި އެންގުމާ އެއްގޮތަށް، އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ވަނީ ފަށައިފަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން އާރަށް ކުއްޔަށް ދީގެން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޑިސެމްބަރު 25، 2022 ގަ އެވެ.

މިމައްސަލާގައި މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި އޮތީ ޝަރީއަތް ކުރިއަށް ގެންދިއުމަށް ދައުލަތާއި ރައީސް ޔާމީންގެ ފަރާތުން ފެންނަ ކަންކަން ހުށަހަޅައި އެ ކަންކަމާ މަޝްވަރާކޮށް ގޮތެއް ނިންމުމެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ފެށި ޝަރީއަތުގެ މަޖިލީހަށް ވަޑައިގަތުމުގެ ކުރިން ރައީސް ޔާމީން ގެކޮޅު ކުރިމަތީގައި މަޑުކޮށްލައްވައިގެން.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލު ހަމްޒާ ލަތީފް ވަނީ މައްސަލަ ލައިވްކޮށްގެން ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފަ އެވެ.

ރައީސް ޔާމީންގެ ފަރާތުން ހުށަހެޅުއްވި އެ ކަން ބަލައިގަނެ، މައްސަލައާ ހަވާލުވެވަޑައިގެންނެވި ގާޒީ އަލީ ނަދީމް ނިންމެވީ ދެން އޮންނަ އަޑުއެހުމުން ފެށިގެން އެ ޝަރީއަތުގެ އަޑުއެހުންތައް ލައިވްކުރުމަށެވެ. އަދި ޝަރީއަތް ބޭއްވުމަށް ދެ ފަރާތަށް ފަސޭހަ ވަގުތެއް ސާފުކޮށް، ސެޕްޓެމްބަރު 16، ވަނަ ދުވަހު ހެނދުނު އަޑުއެހުމެއް ބޭއްވުމަށް ނިންމެވި އެވެ.

ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އަލުން ފަށާފައިމިވަނީ އެ ހުކުމް ބާތިލުކޮށް މައްސަލަ އަލުން ބަލަން ހައި ކޯޓުން އެންގިތާ ހަތަރު މަސް ފަހުންނެވެ.

މި މައްސަލާގައި ޔާމީންއާ ދެކޮޅަށް ހުށަހަޅާފައިވާ އާ ހެކިތައް އެއް ފަރާތްކޮށް އަލުން މައްސަލާގައި ގޮތެއް ނިންމަން ހައި ކޯޓުން އަންގާފައިވާ ބައި ދައުލަތުން މިހާރު އޮތީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ވެސް ކޮށްފަ އެވެ. އެ މައްސަލަ އެ ކޯޓުން ބަލައިގެންފައިވިޔަސް އަދި މައްސަލައިގެ އަޑުއެހުންތަކެއް ނުފަށަ އެވެ.

ރައީސް ޔާމީންގެ ޝަރީއަތް އަލުން ފެށުމުގެ ގޮތުން ކްރިމިނަލް ކޯޓު ހުންނަ ސަރަހައްދު ފުލުހުން ބަންދުކުރަނީ.

އާރަށު މައްސަލާގައި ޔާމީންއަށް ރިޝްވަތު ދިންކަން ސާބިތުވި ކުރީގެ މަޖިލިސް މެމްބަރު ޔޫސުފް ނައީމުގެ މައްޗަށް އިއްވާފައިވާ ތިން އަހަރު ދުވަހުގެ ޖަލު ހުކުމް ބާތިލުކޮށް އެ މައްސަލަ ވެސް އަލުން ބަލަން ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓަށް އަންގާފަ އެވެ. ނަމަވެސް އޭނާގެ މައްސަލައިގެ ޝަރީއަތް އަދި ކްރިމިނަލް ކޯޓުން ނުފަށަ އެވެ.