ބުޅާ މަސް ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝް މީހާ އިމިގްރޭޝަނާއި ހަވާލުކޮށްފި އެވެ. މި މައްސަލާގައި އިއްޔެ ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްގެ މީހެއް ކަމަށްވާ އަރްފަތް ހޮސައިން، އެވެ.

އޭނާ ހައްޔަރުކުރީ ސިފަ ބަދަލުކުރުމަށް ބޯ ބާލަން ގޮސް ސެލޫނެއްގައި ހުއްޓަ އެވެ.

ފުލުހުން ބުނީ ހައްޔަރުކުރި އިއްޔެ އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށާއި އެކަމަކު ތުހުމަތުކުރެވޭ މައްސަލައިގެ ޖިނާއީ ތަހުގީގު ކުރިއަށްދާ ކަމަށެވެ. މި މީހާ އަކީ އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް ރާއްޖޭގައި އުޅޭ މީހެކެވެ.

އެމީހާ މަގުމަތީގައި އުޅޭ ބުޅާތައް ހިފާތީ އެކަން ސޯޝަލް މީޑިއާގައި މީހަކު ވީޑިއޯއެއް ޝެއާކޮށްފައިވެ އެވެ. އަދި އެކަން ކުރާ ކަމަށް އެ މީހާ އެ ވީޑިއޯގައި އެއްބަސްވެ އެވެ. އެ މައްސަލަ ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސް، އެކަން ބަލަން ފެށީ މިދިޔަ ހޯމަ ދުވަހު އެވެ.

ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ގިނަ އަދަދެއްގެ ބިދޭސީން ދަނީ އަތުލައިގަންނަމުންނެވެ.