އައިޖީއެމްއެޗު ތެރޭގައި ހުންނަ މިސްކިތުގައި ތިބި އަންހެނުންތަކަކަށް ޖިންސީ ގުނަވަން ދެއްކިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ދީފި އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރީ މާލެ އަށް ނިސްބަތްވާ 30 އަހަރުގެ މީހެއް ކަމަށެވެ.

މި މައްސަލާގައި އޭނަގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވާ އިރު، ބަންދު އަމުރުން އެނގޭ ގޮތުގައި އެ މީހާ އަކީމިދިޔަ ޖޫން މަހުގެ ތެރޭގައި މާލޭ ސުކޫލަކަށް ވެސް ވަދެ ޖިންސީ ގުނަވަން ދެއްކިކަމުގެ ރެކޯޑް އޮތް މީހެކެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ބުނެފައި ވަނީ ޖިންސީ ގުނަވަން ދެއްކި ކަމަށް ތުހުމަތު ކުރެވޭ މީހަކީ މީގެ ކުރިން ވެސް އެކި މައްސަލަތަކުގައި ހައްޔަރު ކޮށްފައިވާކަމުގެ ރިކޯޑު އޮތް މީހެއް ކަމަށެވެ.

ބަންދުގެ މަޖިލީހުގައި އެމީހާ ބުނެފައި ވަނީ ވަކީލަކު ބޭނުން ނުވާ ކަމަށާއި އިތުރު ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށެވެ.