ދިވެހިންގެ ތެރޭގައި މީރު ހަނޑޫ ގުޅަ އާއި ތެލުލީ ފަތާއި ކާޖާ އާއި ރިހާކުރު ޗިޕްސް ތައްޔާރުކޮށްފައި އޭގެ މަތީގައި އަޅާފައި އޮތީ ބާ މުންޑުގަނޑެކެވެ. މިއީ ގިނަ ބަޔަކަށް ވިއްކަން ފިހާރަތަކަށް ގެންދިއުމުގެ ކުރިން ބަހައްޓާ ތަނުގެ ހާލަތެވެ. މިފަދަ އެތައް ތަނެއް މާލެ ތެރޭގައި އެބަހުއްޓެވެ. ދިވެހި ލޭބަލް ޖަހައިގެން އެކި ސައިޒްގެ ޕެކެޓްތަކުގައި ބަންދުކޮށްގެން މާލޭގެ އެކި ފިހާރަތަކުގައި މިފަދަ އުފެއްދުންތައް ވިއްކަމުން ގެންދާތާ އެތައް އަހަރެއްވެއްޖެ އެވެ.

ނިމިދިޔަ ހަފްތާއަކީ ދިވެހިން ބިދޭސީންނަށް ބަރޯސާވެ ހުސްވެފައި ތިބި މިންވަރާއި އެމީހުން އަހަރެމެންނަށް ކާން ތައްޔާރުކޮށް ވިއްކަމުންދިޔަ މުޑުދާރު އެއްޗެހި ފެނި ހާމަވެ، އެތައް ބަޔަކު ސިއްސުވާލި ހަފްތާއެކެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހުއްޓުވުމަށް މޯލްޑިވްސް އިމިގްރޭޝަނުން ހިންގާ ހާއްސަ އޮޕަރޭޝަންތަކުގައި ފެނިގެން ދިޔައީ މުޑުދާރުކޮށް ބިދޭސީން ތައްޔާރުކޮށް ވިއްކަމުންދާ އެކި ބާވަތުގެ ކާނާއާއި ދިވެހިންގެ އެންމެ މަގުބޫލު ދިވެހި އުފެއްދުންތަކެވެ.

ފުރަތަމަ ފެނިގެން ދިޔައީ ހުޅުމާލޭ ފްލެޓެއް ބިއްދޮށުގައި ވަރަށް ސާފުތާހިރުކަން ކުޑަކޮށް އެތައްބަޔަކަށް ކާނާ ތައްޔާރުކޮށް ވިއްކަމުންދިޔަ ބިދޭސީންތަކެކެވެ. އޭގެފަހުން ފެނުނީ ވަރަށް ގިނަ ދިވެހިން ދުފާ ފޯއް ޕެކެޓް ތައްޔާރުކޮށް ވިއްކަމުން ދިޔަ ބައެކެވެ. ފާހާނާއިން ނުކުމެ ފައިޖެހޭ ތަނުގައި ބިންމަތީގައި ވެސް ހުރީ ކޮށި ފޯއްތަކެވެ.

ވަރަށް ގިނަ ދިވެހިން ދުފުމަށް ބޭނުންކުރާ ފޯއް ތައްޔާރުކުރަމުންދިޔަ ތަން

އެއަށްފަހު މީހުން ބިރުން ލޮލުން ނިދިފިލައިގެން ދިޔަ ހާދިސާއަކީ ބުޅާ މަސް ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކޮށް ވިއްކާކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށް އޭނާގެ ބަދިގެއާއި ދިރިއުޅެމުންދިޔަ ތަން ދައްކާލުމެވެ. އޭނާ ތައްޔާރުކުރަމުން ދިޔައީ އަހަރެމެން ފަސޭހަކޮށްލާފައި ދަރިން ސުކޫލަށް ގެންދާ މަގުމަތީގައި ކަންމަތީ ފިހާރައިން ގަންނަ ބާގާއާ، ސޭންޑްވިޗް، އަދި ސަބްމެރިން ފަދަ އެކި ބާވަތްތަކުގެ ކާނާ އެވެ. އޭނާ އެއެއްޗެހި ތައްޔާރުކުރަމުން ދިޔައީ މުއްދަތުހަމަވެފައިވާ ސޯސް އާއި އެކި ބާވަތްތައް ބޭނުންކޮށްގެންނެވެ.

ބުޅާ މަހުން ތަކެތި އުފައްދާ ބިދޭސީ މީހާ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި.

ދެން ފެނުނީ އަޅުގަނޑުމެން ދިވެހިންގެ މެދުގައި އެންމެ މަގުބޫލު ދިވެހި އުފެއްދުންތައް ކަމަށްވާ ތެއްލިފަތާއި ކުދި ގުޅަ އާއި ކުޅިކާޖާ ފަދަ އެކި ބާވަތްތައް ތައްޔާރުކުރާ މުޑުދާރު ފެކްޓްރީއެކެވެ. އެތަނުގައި ވެސް ކުދި ގުޅަތައް މަތީގައި އަޅަނީ ބާ މުންޑެވެ.

ބިދޭސީން ތައްޔާރުކޮށް ވިއްކަމުންދިޔަ ދިވެހިންގެ މަގުބޫލު ދިވެހި އުފެއްދުންތައް -- ފޮޓޯ އިމިގްރޭޝަން

މި ހުރިހާ ކަމަކާއެކު އުފެދޭ ސުވާލަކީ މިހާހިސާބަށް މި ގައުމު ދިޔައީ ކީއްވެތޯ އެވެ. ދިވެހި އެތައް ބަޔަކު ގޭގައި ސާފުކޮށް ކުރަމުން އައި ކުދި ވިޔަފާރިތައް ބިދޭސީންގެ އަތްމައްޗަށް ދޫވެ، ދިވެހިންގެ ކޮންޓްރޯލް ގެއްލުނީ ކީއްވެބާވެ އެވެ. އަހަރެމެން ކެއުމަށް ބޭނުންކުރާ ކާނާއާމެދު އެއްވެސް ޔަގީންކަމެއް ނޯންނަ ހާލަތަށް ދިޔައީ ކީއްވެ ހެއްޔެވެ؟

މިކަމާ މެދު އެކި މީހުންގެ ހިޔާލު ތަފާތެވެ. ސަރުކާރުން ބުނަނީ ގާނޫނުތައް ނެތުމާއި ހުރި ގާނޫނުތަކުން ވެސް އެކަންކަން ހުއްޓުވަން ކަމާގުޅުންހުރި އިދާރާތަކަށް ބާރު ނެތް ކަމަށެވެ. ނަމަވެސް ގާނޫނުތަކާއި އިދާރާތަށް ވަރަށް ގިނަ އެވެ. ބައެއް ފަރާތްތަކުން ދެކޭގޮތުގައި ރާއްޖޭގައި ގާނޫނާ ގަވައިދުތައް ހުރިނަމަވެސް އެއަށް އަމަލު ނުކުރެވެ އެވެ. ތަންފީޒު ނުކުރެ އެވެ. ކޮންމެ ފަސްއަހަރަކުން ވެރިންކަން ބަދަލުވެ އާ ސަރުކާރުތައް އުފެދިގެން އަންނައިރު ގާނޫނުތައް ބާއްވާފައި އަމަލުކުރަނީ އޭރެއްގަ ފެންނަ ގޮތަކަށެވެ.

ފަހުގެ ތިން ދައުރަށް ބަލާލާއިރު އެންމެ ފުރަތަމަ ރައީސް ޔާމީންގެ ވެރިކަމުގައި ފެނިގެން ދިޔައީ ބިދޭސީން ރާއްޖެ ގެނައުން ވިޔަފާރިއަކަށް ހަދައިގެން ބަޔަކު ބޭނުންވަރަކަށް ބިދޭސީން އެތެރެ ކުރަމުން ދިޔަ މަންޒަރެވެ. އޭގެ ފަހުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ބިދޭސީން ގެނައުން ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރިނަމަވެސް ފެނުނީ ރަނގަޅަށް މޮނިޓާ ނުކުރެވި ބިދޭސީން ބޭނުންގޮތަކަށް ދޫކޮށްލާފައިވާ މަންޒަރެވެ. ގާނޫނުތައް ތަންފީޒުކުރުމުގައި ނުކުޅެދިފައިވާ އެތައް ކަމެއް ފެނިގެން ދިޔަ އެވެ.

މިހާރުގެ ސަރުކާރުން ބޮއްސުންލާފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު އޮޕަރޭޝަންތަކެއް ކުރިޔަށް އެބަގެންދެ އެވެ. މި މަސައްކަތުގެ ސަބަބުން ބިދޭސީން ހިންގާ މުޑުދާރު އެތައް ފެކްޓްރީއެއް މިދަނީ ހާމަވަމުންނެވެ.

ބިދޭސީންގެ މައްސަލައާއެކު ފެންމަތިވީ އެއަށްވުރެ ސީރިއަސް މައްސަލައެކެވެ. ދިވެހިންގެ ކާބޯތަކެތީގެ ރައްކާތެރިކަމެވެ. މިއަދު އަހަރެމެން މިތިބީ ބޭރުން އެއްޗެއް ގަނެގެން ކާން ބިރުގަންނަ ހިސާބުގަ އެވެ. ގިނަ ބައެއްގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ ސާފުތާހިރުކަން ކުޑަކޮށް ތައްޔާރުކޮށް ވިއްކަމުންދިޔަ ކާއެއްޗެހި ފެނުމުން ވެސް އެކަމާ ގުޅުންހުރި އިދާރާތަކުން ހަނު ތިބުމެވެ.

ގިނަ ދުވަސްތަކަކަށްފަހު ބުރާސްފަތި ދުވަހު ހެލްތު މިނިސްޓަރު ހަލީލް ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު އެ ދުވަހު ތަސްދީގު ކުރުމުން މޯލްޑިވްސް ފްޑު އެންޑް ޑްރަގް އޮތޯރިޓީ ގާއިމުކުރެވި، ގިނަ ބާރުތަކާއެކު މި މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ. ނަމަވެސް އުފެދޭ ސުވާލަކީ މިހާ ދުވަހު ވެސް އެމްއެފްޑީއޭއާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އޮވެ، އެއްވެސް ކަމެއް ނުވީ ކީއްވެތޯ އެވެ. އެފަދަ އިދާރާތައް ހަދާފައި ހުންނަނަމަ އެކަންކަން ހުއްޓުވުމާ މޮނިޓާ ކުރާނެ އުސޫލުތައް ވެސް ހުންނާނެކަމީ ޔަގީން ކަމެކެވެ.

މިއަދު ހެލްތް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ: ހެލްތު މިނިސްޓްރީ

ދެންއޮތީ ދިވެހިންގެ ޒިންމާ އެވެ. އަހަރެމެންގެ ތުއްތު ކުދިންނާއި އާއިލާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކާން ބޭނުންކުރާ އެއްޗެހި ގަތުމުގައި ސަމާލުވުމެވެ. އެއީ ކިހިނެއް ކޮންތާކު ތައްޔާރުކޮށްފައިވާ އެއްޗެއްކަން ކަށަވަރު ނުވާނަމަ އެ ބޭނުން ނުކުރުމެވެ.

ބިދޭސީން ގިނަފަހަރު ވިޔަފާރިތައް ކުރަމުންދަނީ ކޮންމެވެސް ދިވެއްސެއްގެ ބައިވެރިވުމާ ވެސް އެކުގަ އެވެ. އެހެން ކަމުން ބިދޭސީންގެ އަތް މައްޗަށް ވިޔަފާރިތައް އެއްކޮށް ދޫކޮށްނުލުމާއި ބިދޭސީން ލައްވާ ގަވާއިދާއި ހިލާފަށް މަސައްކަތް ކުރާކަން އެނގޭނަމަ ކަމާބެހޭ އިދާރާތަކަށް ރިޕޯޓްކުރުން ފަދަ ފަރުދީ ޒިންމާ އަދާކުރުމެވެ.

ބައެއް މީހުން މިފަދަ މައްސަލަތައް މީގެ ކުރިން ސިޓީ ކައުންސިލަށާއި ފުލުހުންނަށާއި ހެލްތު މިނިސްޓްރީއަށް ވެސް ރިޕޯޓްކުރި އެވެ. ނަމަވެސް މިހާތަނަށް އެފަދަ ތަންތަން ހުއްޓުވަން އެޅުނު ފިޔަވަޅެއް ނެތެވެ. އެކި ބަހަނާ ދައްކަކާ ތިބެނީ އެވެ. އެހެން ތިއްބާ މިފެންނަން ފެށީ މިއިން ދުވަހަކު ދިވެހިން ލޮލަށް ނުދެކޭ ފަދަ ހަޑިމުދާރުކޮށް ބިދޭސީންތަކެއް ކާތަކެތި ތައްޔާރުކުރާ ތަންތަނެވެ. މިހާރު ފަކުރުން އެތަކެތި ފިހާރަތަކުން ފެނުނަސް ހޮޑުލަވަ އެވެ.