ހަނޑޫ، ހަކުރު އަދި ފުށަށް ސަރުކާރުން ދޭ ސަބްސިޑީ ކަނޑާލަން ނިންމައިފި އެވެ.

ރައީސް އޮފީހުގެ އިސް އޮފިޝަލަކު "ހުރިހާ"އަށް ވިދާޅުވީ މި ނިންމުން ރަސްމީކޮށް މާދަމާ ބާއްވާ ކެބިނެޓް ބައްދަލުވުމުގައި ނިންމާނެ ކަމަށެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި ސަރުކާރުގެ ނިންމުމަކީ ހަނޑޫ، ހަކުރު އަދި ފުށަށް ދޭ ސަބްސިޑީ ކަނޑާލުމަށްފަހު ސަބްސިޑީގެ ގޮތުގައި ހައްގުވާ ފަރާތުގެ އެކައުންޓަށް ފައިސާ ޖަމާކުރުމެވެ. އެ ބަދަލުގެ ސަބަބުން ސަބްސިޑީ ލިބޭނީ އޭގެ ހައްގުވެރިންނަށް އެކަންޏެވެ.

އެގޮތުން ރައްޔިތުން ދެން ޖެހޭނީ ސަބްސިޑީއަށް އެދި ކަމާބެހޭ އިދާރާއަށް ފޯމު ހުށަހަޅާށެވެ.

"ފޯމު ހުށަހަޅަންވީ ގޮތާއި މިކަމާ ބެހޭ އިތުރު މައުލޫމާތުތައް ސަރުކާރުން މާދަމާ އިން ފެށިގެން ހާމަކުރަމުން ދާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ހަނޑޫ، ހަކުރު އަދި ފުށް މިހާރު ރާއްޖެ އެތެރެކުރަނީ އެސްޓީއޯއިން އެކަންޏެވެ. އެސްޓީއޯއިން ހޯލްސޭލްކޮށް އެތަކެތި ފިހާރަތަކަށް ވިއްކަ އެވެ. މި ބަދަލާއެކު ހަނޑޫ، ހަކުރު އަދި ފުށުގެ އަގު ކުރިއަށްއޮތްތަނުގައި އުފުލިގެންދާނެ އެވެ. އަދި އަމިއްލަ ވިޔަފާރިވެރިންނަށް ވެސް ހަނޑޫ، ހަކުރު އަދި ފުށް ރާއްޖެ އިމްޕޯޓް ކުރަން މުހިންމުވާނެ އެވެ.