ލަގެޖްގައި ފޮރުވައިގެން ގަވާއިދާއި ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއް ޑޮލަރާ އެކު އަތުލައިގަތް ބިދޭސީ މީހާގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި އެވެ.

ރާއްޖެއިން ބަންގްލަދޭޝްގެ ޑާކާއަށް ފުރަން އުޅުނު ބަންގްލަދޭޝް މީހާގެ ލަގެޖު ތެރޭ ކޯންފްލޭކްސް ޕެކެޓެއްގައި ބަންދުކޮށް ފޮރުވައިގެން ގަވައިދާ ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު 81،030 ޑޮލަރު އަތުލައިގެންފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ފުލުހުން ބުނީ މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ ޝަހުމިން އިސްލާމް އެވެ. އަދި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ދީފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ޑޮލަރާއެކު އަތުލައިގަތް ބިދޭސީ މީހާ... ފޮޓޯ: ފުލުހުން

އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން އާންމުކުރި ފޮޓޯ އާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ޑޮލަރުތައް ބަންދުކޮށްފައި ހުރި ޕެކެޓުން ނެގި އިރު އެ ޑޮލަރު ބޮނޑިތަކުގައި އެކި މީސްމީހުންގެ ނަން ވެސް ލިޔެފައި ހުއްޓެވެ.

ރާއްޖޭގެ ގަވައިދުތައް އޮންނަ ގޮތުން 20،000 ޑޮލަރަށް ވުރެ މަތީ އަދަދެއްގެ ފައިސާ ރާއްޖެ އެތެރެކުރާ ނަމަ އަދި ބޭރުކުރާ ނަމަ ކަސްޓަމްސްގައި ޑިކްލެއާ ކުރަން ޖެހޭނެ އެވެ.