"ދިވެހި ރާއްޖޭގެ ވެރިކަމުގެ ބާރު އިންޑިޔާއަށް ދުވަސްކޮޅަކަށް ލިބުނު. އެކަމަކު އެއީ ވަރަށް ކުޑަ ދުވަސްކޮޅަކަށް. އެންމެ ފަސް ލައްކަ މީހުންގެ އާބާދީ އެއް އޮންނަ ދިވެހި ރާއްޖޭގެ މައްޗަށް އޮތް، އިންޑިޔާގެ ކޮންޓްރޯލުން ސަލާމަތްވުމަށް ފާއިތުވި އިލެކްޝަންގައި އެމީހުން ބޭނުން ކުރީ އެންމެ ސްލޯގަންއެއް. އެއީ އިންޑިއާ އައުޓް ސްލޯގަން. މި ސްލޯގަން ބޭނުން ކޮށްގެން އިންޑިއާގެ ބާރު ފޯރާފައި އޮތް ސަރުކާރު ބަލިކޮށް އިންޑިއާގެ އަޅުވެތިކަމުން ދިވެހި ރާއްޖެ ވަނީ ސަލާމަތްވެފައި."

މަތީގައިވާ އިބާރާތަކީ ބަނގްލަދޭޝްގެ ކިޔަވާ ކުދިން، މަގު މައްޗަށް ނުކުމެ ވެރިކަން ވައްޓާލުމުގެ ކުރިން އެގައުމުގެ ހިއުމަން ރައިޓްސް އެކްޓިވިސްޓެއް ކަމުގައިވާ ޑރ. މުހައްމަދުއް ރަހުމާން ދައްކަވާފައިވާ ވާހަކަފުޅަކުން ނަގާފައިވާ އިބާރާތް ކޮޅެކެވެ. ޑރ. ރަހުމާނަކީ އެގައުމުގެ ސަރުކާރުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވާފައިވާ ސިޔާސީ ޝަޚުސިއްޔަތެކެވެ. އޭނާގެ މިވާހަކަކޮޅު އައީ، އިންޑިއާގެ ސިޔާސީ ބާރު ފޯރުވައި އަވަށްޓެރި ގައުމުތައް އަޅުވެތި ކުރާ ގޮތާމެދު ވާހަކަފުޅު ދައްކަވައި ދެއްވި އިންޓަވިއުއެއްގަ އެވެ.

ބަނގްލަދޭޝްގެ ހާލަތާ މެދު ވާހަކަފުޅު ދައްކަވަމުން ޑރ. ރަހުމާން ވަނީ އިންޑިޔާއިން އެގައުމުގެ އަވަށްޓެރި ގައުމުތަކުގެ މައްޗަށް ވެރިވެގެންފައިވާ ގޮތުގެ މިސާލާއި އެކަން އެހެން މެދުވެރިވާ ސަބަބު ވަރަށް ތަފުސީލުކޮށް ދައްކަވާފަ އެވެ. ޑރ. ރަހުމާނު ދެކެވަޑައިގަންނަވާ ގޮތުގައި އިންޑިޔާގެ އަޅުވެތިކުރުމުގެ ބާރު ކޮންމެވެސް މިންވަރެއްގައި ފޯރާފައި ނުވާ ގައުމެއް ދެކުނު އޭޝިއާގައި ނުވެ އެވެ.

ޕްރޯ އިންޑިއާ ސަރުކާރު ވައްޓާލުމަށް ބަނގްލަދޭޝްގެ ރައްޔިތުން ކުރި މުޒާހަރާގެ ތެރެއިން

ޕާކިސްތާނާއެކު އިންޑިއާއިން ވަނީ އެތައް ހަނގުރާމައެއް ކޮށްފަ އެވެ. ބޫޓާނުގެ ޚާރިޖީ ސިޔާސަތުގެ މައްޗަށް އިންޑިއާއަށް ފުރިހަމަ ކޮންޓްރޯލު އޮވެ އެވެ. ބޫޓާނުން އދ. ގެ ދާއިމީ މެންބަރު ގައުމުތަކުގެ ތެރެއިން އެއްވެސް ގައުމަކާ ސިޔާސީ ގުޅުން އުފައްދާފައެއް ނުވެ އެވެ. ހުރިހާ ކަމެއްގައި ވެސް އެގައުމުން އަމަލު ކުރަމުން އަންނަނީ އިންޑިޔާ އިން އަންގާ ގޮތަކަށެވެ. އަވަށްޓެރި ސްރީލާންކާގެ ދާޚިލީ ހަނގުރާމައިގެ ޒަރީއާއިން އެގައުމަށް ހިންގަން ފެށި ނުފޫޒުން އެގައުމު އަދިވެސް ސަލާމަތް ނުވެ އެވެ.

ރާއްޖެއާ ގުޅޭގޮތުން އޭނާ ވިދާޅުވީ ރާއްޖެ ވެސް އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ކުޑަ ދުވަސްކޮޅަކު ދިޔަ ކަމަށާއި އެހެނަސް މިހާރު ރައްޔިތުން ވަނީ އެއަޅުވެތިކަމުން ސަލާމަތް ކޮށްފައި ކަމަށެވެ. އޭނާ އެ އިޝާރާތް ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އާދަޔާ ޚިލާފަށް އިންޑިއާއާ ގާތް ގުޅުމެއް ރާއްޖެއިން ބޭއްވި ބޭއްވުމާއި ފާއިތުވި އިންތިޚާބުގައި "އިންޑިއާ އައުޓް" ސްލޯގަންއެއްގެ ދަށުން އިދިކޮޅު ޕާޓީ އިން އިންތިޚާބު ކާމިޔާބުކުރި ކުރުމަށެވެ.

ބަނގްލަދޭޝް އަކީ އިންޑިއާ އާއި ޕާކިސްތާން އުފެދުނުއިރު ޕާކިސްތާނުގެ ބައެކެވެ. ތަފާތު މައްސަލަތަކާ ހުރެ ބަންގްލަދޭޝް ޕާކިސްތާނުގެ ދަށުން ވަކިވުމަށް ކުރި ހަނގުރާމައިގައި ބަނގްލަދޭޝް އަށް އެހީތެރިވީ އިންޑިއާ އެވެ. އޭގެ ފަހުން ބަންގްލަދޭޝްގެ މައްޗަށް އިންޑިއާ އަންނަނީ ނުސީދާކޮށް ނުފޫޒު ފޯރުވަމުންނެވެ. އެ ނުފޫޒު މާބޮޑަށް ގަދަވެ އިންޑިއާގެ ދަށުގައި އޮތް ސްޓޭޓެއްގެ ދަރަޖައަށް ބަންގްލަދޭޝް ވެއްޓުނުކަމުގައި އެގައުމުގެ ރައްޔިތުން ގަބޫލުކުރީ ޝޭޚް ހަސީނާ ވާޒިދުގެ ވެރިކަމުގަ އެވެ. ހަސީނާގެ ވެރިކަމުގައި ރައްޔިތުންގެ މިނިވަންކަމުގެ ދާއިރާ ހަނިވެ، އަނިޔާވެރިކަމާއި އަޅުވެތިކަން އިންތިހާއަށް ހިނގައްޖެކަމުގައި ބުނަމުން އެގައުމުގެ ކިޔަވާ ކުދިން ވަނީ މަގު މައްޗަށް ނިކުމެ ވެރިކަން ވައްޓާލައި ހަސީނާ ގައުމުން ބޭރުވުމަށް މަޖުބޫރުކޮށްފަ އެވެ.

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ. އިންޑިއާގެ ޕަޕެޓެއް

ރާއްޖެއިން ހިތްވަރު ލިބިގެން ބަނގްލަދޭޝްގެ ކިޔަވާ ކުދިން ނިކުމެ، އެ ގައުމުގެ ޕްރޯ އިންޑިއާ ސަރުކާރު ނުވަތަ އިންޑިއާގެ ޕަޕެޓް ސަރުކާރެއް ކަމަށްވާ ޝޭޚް ހަސީނާގެ ސަރުކާރު ވައްޓާލިއިރު ރާއްޖޭގައި "އިންޑިއާ އައުޓް" ސްލޯގަން ބޭނުންކޮށްގެން ވެރިކަމަށް އައި ސަރުކާރު ވަނީ ޔޫޓާނެއް ނަގައި އިންޑިޔާއާއެކު އިތުރަށް ގުޅުން އުފައްދަން ފަށައިފަ އެވެ.

އިންޑިއާ އައުޓް ސްލޯގަނަކާ އެކު ވެރިކަމަށް އައިސް، ރާއްޖޭގެ ދިފާއީ ކަންތަކާއި ކާބޯ ތަކެތީގެ މިނިވަންކަން ހޯއްދަވާނެ ކަމަށް ވިދާޅުވެ ރައީސް މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅު ހުއްޓަވާލެއްވުމަށްފަހު އިންޑިއާ ކޮޅަށް ދީލާލެއްވުމަށް އެމަނިކުފާނަށް މަޖުބޫރުވެ ވަޑައިގެންނެވީ ފައިސާގެ ދަތިކަމާ ހުރެ އެވެ.

އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު އިންޑިއާ އިން އޮތީ އަރައި ނުގަނެވޭ ފަދަ ދަރަނީގެ ބޮޑު ދަންތުރައެއްގައި ރާއްޖެ ޖައްސާފަ އެވެ. އެ ދަންތުރައިން ސަލާމަތްވެ، އިންޑިއާ އާ ނުލައި ކުރިޔަށް ދިޔުމަށްޓަކައި ބޭނުންވާ އެހީތެރިކަން ހޯދުމުގެ ގާބިލުކަމެއް ނެތުމުގެ ސަބަބުން ރާއްޖެއަށް މަޖުބޫރުވެފައި ވަނީ ކުރިން އޮތް ވަރަށް ވުރެ ވެސް ބޮޑަށް އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ދާށެވެ.

ރާއްޖެ "ޔޫޓާނެއް" ނަގައި އިންޑިއާ އާއެކު ގުޅުން ބަދަހިކުރަން މަސައްކަތް ކުރަމުންދާއިރު ރާއްޖެއިން ހިތްވަރު ލިބިގެން ވެރިކަން ބަދަލުކޮށް "މިނިވަންކަން" ހޯދި ބަނގްލަދޭޝްއަށް އިންޑިއާ އިން ކުރިމަތިކުރުވީ މާ ނުރައްކާތެރި ހަމަލައެކެވެ.

އިންޑިޔާއިން ބަންދުކޮށްފައި އޮންނަ ކޯރެއްގެ ޑޭމް ހުޅުވާލައި ބަންގްލަދޭޝް ފެނުގެ އަޑިއަށް ޣަރަގު ކޮށްލައިގެން އެގައުމުގެ ވަގުތީ ސަރުކާރަށް އިންޑިއާ އިން މިވަނީ ވަރުގަދަ އިންޒާރެއް ދީފަ އެވެ. އެތައް ބަޔަކު މަރުވެ އެތައް ހާސް ބަޔަކު ހާލުގައި ޖެހުނުކަމުގައި ވިޔަސް ބަނގްލަދޭޝް އިން ބުނަމުން އަންނަނީ އިންޑިއާގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެ ކަމަށެވެ. އެގައުމާ ދެކޮޅަށް ހަނގުރާމަކުރަން ޖެހުނަސް ތައްޔާރުކަމުގައި ބަނގްލަދޭޝްގެ ކިޔަވާ ކުދިން އަންނަނީ ބުނަމުންނެވެ.

ސައުތު އޭޝިޔާގެ ބިޔަ ބާރު ކަމަށްވާ އިންޑިޔާގެ ނުފޫޒު ކޮންމެ ވެސް މިންވަރަކަށް ނުހިނގާ ގައުމެއް އެ ގައުމުގެ އަވަށްޓެރިންގެ ތެރޭގައި ނުވެ އެވެ. އިންޑިއާއިން ބޭނުންވަނީ ހުރިހާ ގައުމެއް ވެސް އިންޑިއާގެ ކޮންޓްރޯލްގެ ދަށުގައި ބާއްވާށެވެ. އެކަމަށް ފާޅުގައި ނޫނެކޭ ބުނަން ކެރުނީ ރާއްޖެއަށެވެ. ރާއްޖޭގެ ފިޔަވަޅުގެ ފަހަތުން ބަންގްލަދޭޝް މިހާރު ވަނީ އެއަޑު މާގަދަކޮށްފަ އެވެ.