ދިވެހި ފިރިހެނަކު ހައްދާލައިގެން ކޮޓަރިއަކަށް ގެންގޮސް 53,000 ރުފިޔާ ފޭރުނު މައްސަލާގައި އަންހެން މީހާގެ ކުށުގެ ބައިވެރިޔާ އިއްޔެ ބަންދުކޮށްފި އެވެ.

މިކަމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރީ އިކްލީލް އިބްރާހީމް، ގއ. ކަނޑުހުޅުދޫ، ވިދާތަރި، 41، އެވެ. އޭނާގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފަ އެވެ.

މި ހާދިސާ ހިނގައިފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 26 ވަނަ ދުވަހުގެ ރެ އެވެ. އެގޮތުން އެ ރޭ 9:30 ހާއިރު އައިޖީއެމްއެޗް ކައިރިން ފިރިހެނެއް ހުއްޓުވައި އޭނާއަށް ކޮޓަރިއަށް ދިއުމަށް ދައުވަތު ދިންކަމަށް ފުލުހުން ބުންޏެވެ. އެކަން ކުރި އައިޝަތު މަލްޖާ މޫސާދީދީ، ސ. މަރަދޫ، ކުންނާރުގެ، 27، ވަނީ 15 ދުވަހަށް ބަންދުކޮށްފަ އެވެ.

އޭނާގެ ދައުވަތަށް އެ ފިރިހެން މީހާ މާފަންނު މުރަނގަ މަގުގައި ހުރި ގެސްޓު ހައުސަކަށް ދިޔަކަމަށް ފުލުހުން ބުންޏެވެ. އެތަނަށް ދިއުމުން އިތުރު ފިރިހެނެއް ވެގެން އެ މީހާ ރަހީނުކޮށް އޭނާގެ ފޯނާއި، ކޭޝްކާޑު އަތުލާފައިވެ އެވެ. މީގެ އިތުރުން އޭނާގެ އެކައުންޓުން 53،000 ރުފިޔާ ފޭރިގަނެފައިވެ އެވެ.

އިއްޔެ ހައްޔަރުކުރި ފިރިހެންމީހާ އަކީ މަސްތުވާތަކެތި، ފޭރުން، ރަހީނުކުރުން، މަކަރާއި ހިލާތް ހެދުން ފަދަ ކުށްތަކުގެ ރެކޯޑު އޮތް މީހެކެވެ. އަންހެން މީހާއަކީ ހަށި ވިއްކުމުގެ ކުށުގެ ރެކޯޑު އޮތް އަންހެނުންނާ ގުޅިގެން ފޭރުމުގެ ކަންކަން ހިންގާ މީހެއް ކަމަށް ވެސް ކޯޓުގެ ހުކުމުން އެނގެ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ހިޔާ ފްލެޓަކަށް މީހުން ގެންގޮސް ފޭރުމުގެ ތުހުމަތުގައި ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.